ޓެރަރިސްޓު އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދުވެސް މަސްޖިދުލް އަގްސާއަށް ވަދެގަނެ، ފަލަސްތީނުގެ އާންމުންނަށާއި، މިސްކިތަށްވެސް ހަމަލަދީ ބޮޑެތި ގެއްލުންތައް ދީފިއެވެ.

މިއަދަކީ، އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ސަލާމަތީ ބާރުތަކުން އަގްސާ މިސްތުގެ ހަރިންމަތެރެއަށާއި، މިސްކިތަށް ވަދެގަނެ ޖެހިޖެހިގެން ހަމަލާ ދިން ފަސްވަނަ ދުވަހެވެ.

އިސްރާއީލުން މިކަން މިކުރަނީ، ޔަހޫދީ ވަޒަންވެރިން އަޅުކަންކުރަން އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަންނަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތް ހުންނަ ސަރަހައްދަށް ވަންނަނީ، ހަތިޔާރާއެކު ތިބޭ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައެވެ.

ޔަހޫދީ ވަޒަންވެރިން ވެއްދުމުގެ ކުރިން އިސްރާއީލުގެ އުދުވާނީ ބާރުތަކުންވަނީ އަގްސާ މިސްކިތް ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ފައްސަން މަސައްކަތްކޮށްފައެވެ. ފަލަސްތީނު މީހުންނަށް ރަބަރު ވަޒަނުން ހަމަލާދީފައި ވެއެވެ. އަދި މިސްކިތުގެ އެތެރޭގައި ތިބި މީހުން ނެރުމަށްވެސް މަސައްކަތް ކޮށްފައި ވެއެވެ.

މިކަމުގެ ތެރޭގައި، އިސްރާއީލު ފުލުހުންވަނީ މިސްކިތުގެ ބައެއް އިމާރާތްތަކުގެ ދޮރުތަކަށްވެސް ބަޑިޖަހައި ހަލާކުކޮށްފައެވެ. ހަރިންމަތެރޭގައި އެންމެ ދެކުނަށް ހުންނަ އިމާރާތަށް ދިން ހަމަލާގައި ކުޑަދޮރެއްގައި އަލިފާންވެސް ރޯވިއެވެ.

މީގެއިތުރުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ އަގްސާ މިސްކިތުގެ ގޯތިތެރޭގައި ހުރި ބައެއް ތަކެއްޗަށްވެސް ގެއްލުން ދީފައި ވެއެވެ.

ރައްދުގައި ފަލަސްތީނު މީހުންވެސްވަނީ އަތުޖެހުނު އެއްޗަކުން އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަންވެގެން މިއަދުވަނީ، އެ ސަރަހައްދުގައި ތިބި ހުރިހާ ނޫސްވެރިން އެތަނުން ނެރެފައެވެ. ނަމަވެސް، ފަލަސްތީނުގެ އާންމުންވަނީ، އިސްރާއީލުގެ ސަލާމާތީ ބާރުތަކުން ހިންގި ހުރިހާ ޖަރީމާއެއް ވީޑިއޯކޮށް ފޮޓޯ ނަގާފައެވެ.