މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ ޖަލްސާގައެވެ. މިކަމަށް ޖަލްސާގައި ބައިވެރިވަޑައިގެންނެވި 12 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވްއެއް އުފައްދަނީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކަމަށެވެ. އަދި މި ކޯޕަރޭޓިވް ތަކަކީ، ސިޓީ ކައުންސިލުން އަމާޒު ހިފާފައިވާ "ވިމެން މާކެޓް" ހިންގާނެ ފަރާތްތައް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގޭގޭގައި ހަދާ ތަކެތި ގަނެ، އެތަނުގައި ވިއްކައިގެން ހަގީގީ މާނައިގައި ކަނބަލުންނަށް އިގްތިސާދީ ބާރުވެރިކަން، ކައުންސިލުގެ އެހީތެރިކަމާއެކު ހޯދޭނެ ކަމަށެވެ.

އެއީ ކޮންމެހެން ކާބޯތަކެއްޗެއް ނޫން، އުފެއްދުންތެރިކަމާ މިހެންގޮސް، އެކި ކަހަލަ ތަކެތި ގަނެ، އެތަނުގައި ވިއްކައިގެން ހަގީގީ މާނައިގައި ކަނބަލުންނަށް އިގްތިސާދީ ބާރުވެރިކަން، ކައުންސިލުގެ އެހީތެރިކަމާއެކު ހޯދައިދިނުން."
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު

މޭޔަރު ވިދާޅުވީ ހަމަޖެހިފައި އޮންނަ އުސޫލަކުން މިކަމުން ކައުންސިލަށްވެސް ނަފާ ލިބިގެންދާނެ ކަމަށާއި، ބޭނުމަކީ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ކޮށްދެވުން ކަމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައިވާ "ފުދުންތެރި ދިރިއުޅުން" މި އަމާޒުގެ ދަށުން ކުރުމަށް ނިންމާފައިވާ އެއްކަމެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް ކައުންސިލަރުން މިއަދު ފާސްކުރުމާއެކު، ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ނިންމާފައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.