ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތައް ހިމެނޭގޮތުން ސައުދީ އަރަބިއްޔާގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކެއްގެ ކިޔަވާކުދިންނާއި، ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް، ފިތުރު އީދުގެ ބަންދު ދުވަސްތައް ފަށާ ދުވަހަކީ މި އޭޕްރީލްމަހުގެ 21 ވާ ބުރަސްފަތި ދުވަސް ކަމަށް ކަނޑައެޅުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަމުރު ކުރައްވައިފިއެވެ.
އޭޕްރީލްމަހުގެ 21 ވާ ބުރާސްފަތި ދުވަހަކީ ސައުދީ އަރަބިއްޔާއަށް ރަމަޟާންމަހުގެ 20 ވަނަ ދުވަހެވެ.
ސައުދީ އަރަބިއްޔާގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސައުދީ އަރަބިއްޔާގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ފިތުރު އީދުގެ ބަންދު ފަށަން ކުރިންއޮތީ އޭޕްރީލްމަހުގެ 25 ވާ ހޯމަ ދުވަހުއެވެ. އެއީ، ރަމަޟާންމަހުން 24 ވަނަ ދުވަހެވެ.
ނަމަވެސް، ސަލްމާން ރަސްގެފާނު ނެރުއްވި އަމުރުގައި، ސްކޫލްތަކުގެ ދަރިވަރުންނަށް ފިތުރު އީދުގެ ބަންދުދުވަސްތައް ފެށުން މިހާރު މިވަނީ އަވަސްކޮށްފައެވެ.
ސައުދީ ރަސްގެފާނު މި ނިންމެވުން ނިންމެވީ، ސައުދީ ވަލީއަހުދު، ބޮޑުވަޒީރުގެ ނައިބް އަދި ދިފާއީ ވަޒީރު މުހަންމަދު ބިން ސަލްމާން އެކަމަށް ރެކޮމެންޑް ކުރެއްވުމުން ކަމަށް ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.
ފިތުރު އީދުގެ ބަންދުގެ ދުވަސްތައް ފެށުން އަވަސް ކުރައްވަން މުހަންމަދު ބިން ސަލްމާން އެދިވަޑައިގެންނެވީ، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އިތުރު ލުޔެއް ދެއްވުމުގެ ގޮތުން ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ޕްރައިވެޓް އަދި ނޮން-ޕްރޮފިޓް ސެކްޓަރގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ފީތުރު އީދާ ގުޅިގެން މަދުވެގެން 5 ދުވަހުގެ ޗުއްޓީ ދޭންޖެހޭނޭ ކަމަށް ބަޔާންކޮށް ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ ފިތުރު އީދުގެ ޗުއްޓީ ދުވަސްތައް ފަށަންޖެހޭނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެއީ، ރަމަޟާންމަހުން 29 ވަނަ ދުވަހެވެ.
ފިތުރު އީދުގެ ބަންދު ދުވަސްތައް މުވައްޒަފުންނަށް ދިނުމަކީ ލޭބަރ ގާނޫނުގެ ދަށުން ލާޒިމްކަމެއްކަން ވަޒީފާދޭ ފަރާތްތަކަށް، މިނިސްޓްރީގެ ބަޔާނުގައި ހަނދާން ކޮށްދީފައި ވެއެވެ.
ޕްރައިވެޓް ސެކްޓަރ ފިޔަވައި، ސައުދީ ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ފިތުރު އީދާ ގުޅިގެން މިފަހަރު 11 ދުވަހުގެ ޗުއްޓީއެއް ލިބެއެވެ.
ފިތުރު އީދާ ގުޅިގެން ސައުދީ ސަރުކާރު މުވައްޒަފުންގެ ޗުއްޓީ ފެށެނީ އޭޕްރީލް 25 ވާ ހޯމަދުވަހުއެވެ. ބަންދު ދުވަސްތައް ނިމެނީ ފިތުރު އީދުގެ ދުވަސްތައް ނިމުމުން މެއިމަހުގެ 5 ވަނަ ދުވަހުއެވެ.