އިސްރާއީލުގެ ޓެރަރިސްޓް އިސްތިއުމާރީ ބާރުތަކުން އަލް އަގްސާ މިސްކިތަށް މިއަދުވެސް ހަމަލާދީ، ފަލަސްތީނުގެ އެތައް ބަޔަކަށް އަނިޔާކޮށްފިއެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިއަދުވެސް އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ވަދެގަތީ، އަގްސާ މިސްކިތާއި، މިސްކިތުގެ ހަރިންމަތެރޭގައި ނަމާދަށާއި އަޅުކަމުގައި ތިބި ހުރިހާ މުސްލިމުން ނެރެ ހުސްކުރުމަށެވެ.

މިސްކިތުގެ ހަރިންމަތެރެއަށް ވަދެގަނެ ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ، އަދި ހަރިންމަތެރޭގެ އެންމެ ދެކުނަށް ހުންނަ އަލް ޤިބްލި މިސްކިތުގެ ތެރެއަށްވެސް ވަދެގަނެ ހަމަލާތައް ދީފައި ވެއެވެ.

އަލް ޤިބްލި މިސްކިތުގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 8 މީހުން ޒަޚަމްވިއެވެ.

އަދި އިސްރާއީލުގެ އުދުވާނީ އިސްތިއުމާރީ ބާރުތަކުންވަނީ، އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި އެއްވެސް ރަހްމެއް ހަމްދަރުދީއެއްނެތި ފަލަސްތީނުގެ އަންހެނުންތަކަކަށްވެސް ހަމަލާދީ ބޮޑެތި އަނިޔާކޮށްފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ، މިއަދުގެ ހަމަލާތަކުގައި އެކަނިވެސް ފަލަސްތީނުގެ 20 މީހުން ޒަޚަމްވި ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރެއިން އެކެއްގެ މޫނަށްވަނީ އިސްރާއީލުގެ އުދުވާނީ ސިފައިން ޖެހި ބަޑީގެ ވަޒަން އަރާފައެވެ.

ފަލަސްތީނު ރައްޔިތުންނަށް ހަމަލާދޭން އިސްރާއީލުން ބޭނުންކުރި ހަތިޔާރުން ބައެއް:

އަނެއްކޮޅުން، އިސްރާއީލުން ރޭގައިވަނީ ފަލަސްތީނުގެ ޣައްޒާއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ޣައްޒާއަށް މިސައިލް ހަމަލާތައްދިނީ، ޣައްޒާގެ ތެރެއިން އިސްރާއީލަށް ރޮކެޓްގެ ވާރޭ އޮއްސާލުމުން އެކަމުގެ ރައްދުގައެވެ.

އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ މެދުތެރޭގެ ތަނަކަށް 8 މިސައިލުން ހަމަލާދިނެވެ. އަދި ޣައްޒާގެ އެހެން ތަނަކަށް 12 މިސައިލް ހަމަލާދިނެވެ.

މިހަމަލާތަކުގެ ސަބަބުން އަލިފާން ރޯވެ އަނދަމުންދިޔަ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މީހަކަށް ކަމެއް ވީކަމެއް އަދި ތަނަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް، ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލަށް އޮއްސާލި ރޮކެޓްތަކުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އިސްރާއީލުންވެސް ހާމައެއް ނުކުރެއެވެ.

އިސްރާއީލުގެ އުދުވާނުތަކުން އަގްސާ މިސްކިތަށް ހަމަލާދީ، ފަލަސްތީނު ރައްޔިތުންނަށް އަނިޔާކޮށް ފުރައްސާރަކުރުން އިތުރުވާ ކޮންމެ ފަހަރަކު ހަމާސްއިން އިސްރާއީލަށް އިންޒާރުދީ ރޮކެޓްތައް އޮއްސާލައެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު އެންމެފަހުން ވަރުގަދަ ހަނގުރާމައެއް ހިނގައިދިޔައީވެސް، ހަމާސްއިން އިންޒާރު ދެމުން ގެންދަނިކޮށް އިސްރާއީލު ސިފައިން މަސްޖިދުލް އަގްސާގެ ތެރެއަށް ވަދެގަތުމުންނެވެ.