އަދުގެ ސަރުކާރުން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގެންގޮސްފައިވާ މިންވަރު ހާމަވެއްޖެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން މިފަދައިން ބުނެފައިވަނީ، "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނެރުއްވި ގަރާރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅުން ދަމާފައިހުރި ބެނާތައް ނެގުމާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހް ނެރުއްވި ގަރާރުން ފެނިގެންދިޔައީ ބޭރު ގައުމެއްގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ގަދަރާއި އިއްޒަތް ވެއްޔާ މޮޑުނު މަންޒަރުކަމަށެވެ.
އިދިކޮޅުގެ މި ކެމްޕެއިންގެ ސަބަބުން އިންޑިއާގެ ގަދަރާއި ކަރާމާތައް އުނިކަމެއް ލިބޭކަމަށް ރައީސް ސާލިހް ވިދާޅުވި ނަމަވެސް، ދިވެހީންގެ ކަރާމާތާއި، ރާއްޖޭގެ މިނިވަންކަމާ ސަލާމަތާއި ރައްކާތެރިކަން އެބޭފުޅުންނަށް މާ މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ސާލިހްގެ ގަރާރުގައިވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ، އިދިކޮޅުން ވަނީ އެގަރާރު ބާތިލްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ވީ އެންމެ އަވަހަށް ކުރާނެކަން ހާމަކޮށްފައެވެ.
އަދި، "އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ފުޅާކޮށް، އެފަދަ އިތުރު ބެނާތައް މުޅި ރާއްޖޭގައި ދަމާނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން އެއްވެސް ކަމެއް ނުހުއްޓުވޭނެ ކަމަށް ބުނެ އިދިކޮޅުން ވަނީ އެފަރާތްތަކުން ބުނަމުން އައި ބުނުން ތަކުރާރުކޮށްފައެވެ.