"އިންޑިއާ އައުޓް" ބެނާތައް ނެގުމަށް މިއަދު ދިވެހި ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުން އަމަލުކޮށްފައި ވަނީ ކޯޓު އަމުރާ ހިލާފަށް ކަމަށެ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ފަތިހު ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅާއި ޕީޕީއެމްގެ އޮފީހާއި އަދިވެސް އެހެން ތަންތަނުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން މިއަދު ވަނީ ނަގާފައެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހަރަކާތް ހުއްޓުވާ، އެކަމުގައި އުޅުއްވާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގަރާރެއްގައި ގޮވާލައްވާފައެވެ.
އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ކޯލިޝަނުން ދެން އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ ގަރާރު ބާތިލްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެމައްސަލަ ހިފައިގެން އިދިކޮޅުން ކޯޓަށްދާނެކަމަށާއި މިއަދު އަމަލުކޮށްފައިވަނީ ގެނައި ކޯޓު އަމުރާ ވެސް ހިލާފަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި އޮތީ ބަލާ ފާސްކުރުމަށް ކަމަށާއި ބެނާތައް ނެގުމުގެ ވާހަކަ އަމުރުގައި ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ފަތިސް ނަމާދު ވަގުތުގައި ކްރިމިނަލް ކޯޓުން ދިން އަމުރުގެ ދަށުން ބަލާ ފާސްކޮށް އެ ތަނެއްގައި ހުރި ބައެއް ކަހަލަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި އަމަންއަމާންކަން ނަގާލަމުން އަންނަނީ އިދިކޮޅުން ނޫން ކަމަށާއި އެކަން ކުރަމުން އަންނަނީ އިންޑިއާ އިން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރިޔާސީ ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތްތަކަކީ އިންޑިއާއާމެދު ނަފުރަތު އުފައްދަން ހިންގާ ހަރަކާތްތަކެއް ކަމަށާއި، އެއީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް، ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ކަމުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް އަމުރުކޮށްފައިވާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މިއީ ފެހި ޤާނޫނު އަސާސީ ވުޖޫދުވިފަހުން ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް އަންގައި ރާއްޖޭގެ ރައީސް އަކު ނެރުއްވި މިފަދަ ފުރަތަމަ ގަރާރެވެ.