ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު (ސީޓީއައިއޯ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ ސީޓީއައިއޯގެ މަގާމަށް ހަމަޖައްސާފައިވަނީ މުހައްމަދު މުސާދު ކަމަށެވެ. އަދި ސީޓީއައިއޯގެ މަގާމު އުފައްދައި އެ މަގާމަށް މުސާދު އައްޔަންކުރީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރަކަށް ސީޓީއައިއޯ ރިޕޯޓުކުރަން ޖެހޭނީ އިރު، ސީޓީއައިއޯ މަސްއޫލިއްޔަތުތަކާ މުސާދު ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވެސް ދިރާގުން ބުނެއެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންފޮމޭޝަން ގަވަރނަންސްއާ ބެހޭ ސްޓްރެޓެޖީތަކާއި ޕޮލިސީތައް އެކުލަވާލުމާއި އިންފޮމޭޝަން ސިސްޓަމްތައް މެނޭޖުކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީ ގުޅުންހުރި މަސައްކަތްތަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތް ވެސް ހިމެނެއެވެ.
ޓެލެކޮމް ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މުސާދަކީ ޗާޓަރޑް އިންޖިނިއަރެކެވެ.
އޮސްޓްރޭލިއާ" އިނގިރޭސިވިލާތް އަދި ނިއު ޒީލެންޑުން މަތީ ތައުލީމު ހާސިލުކުރެއްވާފައިވާ މުސާދު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން އެމްބީއޭ ހާސިލްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލްއިން ވަނީ ބެޗެލަރ އޮފް އިންޖިނިއަރިންގ އިން މޮބައިލް ޓެލެކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ހާސިލުކުރައްވާފައެވެ.
މީގެ އިތުރުން ނިއު ޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގްޓަން އިން މާސްޓަރ އޮފް ކޮމަރސް އިން އިންފޮމޭޝަން ސިސްޓަމްސް ވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
މުސާދު އެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ދިރާގުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޑިރެކްޓަރުގެ މަގާމުގައެވެ.