ބުނެބުނެ ވެސް ނޭހި އަޑެކެވެ. ކިޔާކިޔާ ކަރުން ލޭރަހަލީ އިރުވެސް ކަންފަތަށް ނުވަތް އަޑެކެވެ. ގެންގުޅޭ ފޯނާއި ލާ އަންނައުނު ފަހުގެ ވިޔަސް، ސިކުނޑިތަކުގައިި ހުރީ ކަމުގެ ނުރައްކާ ނޭނގި ތިބެ ގޮނޑުދޮށާއި މޫދަށް ކުނިއެޅި ޒަމާނުގެ ވިސްނުމެވެ.

ބޮއި ނިމުމުން ދަޅު ނޫނީ ފުޅި މަގުމައްޗަށާއި މޫދަށް އެއްލައިނުލާށޭ، ޑަސްޓްބިނަށް އަޅާށޭ އެތައް ފަހަރަކު އެތަށް ތަނެއްގައި އެތަށް ގޮތަކަށް ކަމުގެ މާހިރުން ބުނެއުޅެއެވެ. އެކަމަކު ވެސް ހަމަ ކަށީގައި ހިފާފައި ހުރި ކަމެއް ވީމަ ކަންނޭނގެއެވެ. ގިނަ ބަޔަކު އަދިވެސް ގެންގުޅެނީ އެ އާދައެވެ. ކަށިގައި ހިފާފައި ހުންނަ ކަންކަން ބަދަލުނުކުރެވޭނެއޭ މީހުން ބުނެއެވެ. އެކަމަކު އެއީ ދޮގެކެވެ. ބަދަލުކުރަން އުޅެފި ނަމަ ވާނެއެވެ.

މަގުމަތީގައި ދަޅު ބޮމުން ހިނގާފައިދާ މީހާ، ދަޅު ހުސްވުމުން އެ އެއްލާލަނީ މަގުމައްޗަށެވެ. ގިނައީ ހަމަ މި ގޮތަށް ޑަސްޓްބިން ކައިރީގައި ހުރެމެ ޑަސްޓްބިނަށް ނުލާ ހުރި ތަނަކަށް އެއްލާލާ ފަހަރެވެ. އެހެން ނޫން ނަމަ މާލޭގައި ބުރިޖު ބަލަން ހުރި ޕްލެޓްފޯމުގައި އެތަންމިތަނަށް އުކާފައި ހުރި ކޮފީތަށްޓާއި ދަޅުފުޅި ނުފެނުނީހެވެ. ބުރިޖު ބަލަން ހުރި ޕްލެޓްފޯމުން މަދު ފިޔަވަޅެއް އަޅާލުމުން އެ ހުރީ ކުނިވަށިގަނޑެވެ. މަގުމަތީގައި އުޅޭއިރު ޑަސްޓްބިން ފެންނަން ނެތިއްޔާ ފެންނަންދެން އަތުގައި ހުސްދަޅު ބާއްވާލުން މާ ބޮޑު ކަމަކަށް ނުވާނެއެވެ. ފުރަ މާލޭފައި އެތައް ތާކު ޑަސްޓްބިން އެބަ ހުއްޓެވެ. ޑަސްޓްބިން ނުފެނިގެން މާ ގިނަ އިރު އުޅޭކަށް ނުޖެހޭއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް --- ފޮޓޯ: ވީނިއުސް

ދެން އަނެއްކާ އަނެއް ވާހަކައެވެ. ކަނޑުމަތީގައި ހެއްޔެވެ؟ ފެރީ ނޫނީ ބޯޓެއްގައި ހެއްޔެވެ؟ އެހެން ވިޔަސް އެއީ މޫދަށް ހުސްދަޅު ކޮތަޅު އުކަން އޮތް އުޒުރެއް ނޫނެވެ. ރަށަށް ލެފުމުން އަޅާނެ ޑަސްޓްބިން ފެންނާނެއެވެ. ޑަސްޓްބިނަކަށް ތިޔަ ބޯލާ ދަޅާއިފުޅި އެއްލާލުމަކީ މާ ބޮޑު ކަމެއް ނޫނެވެ. ދުނިޔޭގެ 71 އިންސައްތައަކީ ކަނޑެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ އެެވްރެޖު އާމްދަނީގެ 60 އިންސައްތަ ހިއްސާކުރަނީވެސް ކަނޑުން ލިބޭ ނިއުމަތްތަކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްކަމުގައި ކަނޑުވީ ހިނދު އެތަންތަނަށް ފަރުވާ ބެހެއްޓުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު މަސްއޫލިއްޔަތެެއްކަން ކަށަވަރެވެ.

ކަނޑަށް ލިބެމުންދާ ގެއްލުންތަކާއި އިންސާނީ އަމަލުތަކުގެ ސަބަބުން ކަނޑަށް ލިބެމުންދާ ގެއްލުންތަށް އެންމެ ގާތުން ފެންނާނެ އެއްބަޔަކީ ފެތުންތެރިންނާއި ޑައިވަރުންނެވެ. އެގޮތުން ކަނޑަށް ލިބެމުންދާ ގެއްލުންތަށް އެ ފަރާތްތަކުގެ ވާހަކަ ރެޔާއި ދުވާލު އެފަރާތްތަކުން ދަނީ ދައްކަމުންނެވެ. އަޑު އަހަން ކިއެއް ހެއްޔެވެ؟ ކަނޑުގެ ދިރުންތައް ވެސް އަހަރެމެންގެ ދިރިއުޅުމަށާއި އެކޯސިސްޓަމް އަށް ނުހަނު މުހިންމެވެ.

މުޅި ތަނަށް ކުނި އަޅައި، މީހުންނަށް އުދަގޫވެ އަދި ބަލިތައް ފެތުރެން މަގުފަހިވެ، މުޅިތަނުގައި ނުބައިވަސް ދުވާނެފަދަ އަމަލުތައް ކުރާއިރު ހަގީގަތުގައި ވެސް ވިސްނާލަން އެބަޖެހެއެވެ.

ޖެހުނު ކޮންމެ ތާކަށް ކުނި އެޅުމުގެ ބަދަލުގައި އެކަމަށް ޚާއްސަ ތަންތަނަޅަށް ކުނި އެޅުމުގެ އާދަ ހަރުލައްވަން އެބަޖެހެއެވެ. އާންމުތަންތަނަށާއި މަގުމައްޗަށާއި މޫދަށް ކުނި ނާޅާ ސާފު ރީތި ރާއްޖެ އެއްގެ ގޮތުގައި މިތަން ބާއްވަން ހިނގާށެވެ. އެކަމަށް ބޭނުންވާނީ ހަމަ ކުޑަ ހިތްވަރެކެވެ.