2017 ވަނަ އަހަރު ފުލުހުން ހިންގި ތަހުގީގެއްގައި މާލޭގެ ގެއަކުން އަތުލައިގަތް މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްފައި ނެތުމުން، އެތަކެތި ޓްރެފިކްކުރިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފަސް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޗެއިން އޮފް ކަސްޓަޑީގައި އިޝާރާތްކުރަނީ ޖިނާއީ މައްސަލައެއްގައި ހެކި ކޮންޓްރޯލްކުރުމާއި، ބަދަލުކުރުމާއި، ހެކި ގެންގުޅުމުގެ ރެކޯޑެއް ގާއިމުކުރާ ޑޮކިއުމެންޓެވެ. އެގޮތުން، ކްރައިމް ސީނުން ނަގާ އެއްޗާއި، އެއެއްޗެއް ހުރި ގޮތާއި، ވަގުތު ލިޔުމުން ބަޔާންކޮށްފައި ހުންނަންވާނެއެވެ. ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާނަމަ ކްރައިމް ސީނުން ނަގާ ތަކެތި ފުލުހުންގެ ފޮރެންސިކް ޑައިރެކްޓޮރޭޓުން ބަލައެއް ނުގަންނާނެއެވެ. އަދި ހެއްކެއްގެ ގޮތުގައި ޝަރީއަތުންވެސް ބަލައެއް ނުގަންނާނެއެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން، އެގެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ކަމަށްބެލޭ ބަރު ޕެކެޓުތައް އެތަނުން ހޯދާފައިވެއެވެ. އެތަކެތީގެ ބަރުދަން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރެވޭ 4 ގްރާމުގެ މިންގަނޑަށް ފެތޭތީ، އެމައްސަލައިގައި ހަ މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވެއެވެ.

އެއީ، ސ. ހުޅުދޫ، ސީވޭވް، އަލީ ނަހްދާނާއި ރ. މަޑުއްވަރި، ލުނބޯމާގެ، މުހައްމަދު ސަމާއީލާއި ކ. މާލެ، ބްރައިޓްސްޓާ، މުހައްމަދު އިމްއާން ޝަމީލާއި ރ. މަޑުއްވަރި، ނޫވިލާގެ، ހުސެއިން ރިމާހް އަދި ސ. މަރަދޫ، ސަނީވޭ، އަބްދުﷲ ޝާތިރާއި، ސ. ހިތަދޫ ހިތަދޫ، ހިތިގަސްދޮށުގެ، އަބްދުﷲ އަޒްހީނެވެ.

އޭގެތެރެއިން އަޒްހީން ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ދައުވާއަށް އިންކާރުކުރި މީހުންގެ މައްސަލަ ބެލުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެމީހުންނާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުން އެތަކެތި ތަހުލީލުކުރަން ހަވާލުކުރީ ކާކުކަން އެނގިފައިނެތުމުން އޭގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާއި އަދި ގެއިން މަސްތުވާތަކެތި ފެނުނުކަމަށް ޝައްކުކުރުމުގެ ފުރުސަތު އޮތުމުން، ގާޟީ އިސްމާއިލް ޝަފީއު ވަނީ ތިބި ތަނުން ނެގި ތަކެއްޗަކީ ޑައިމޯފިންކަން ސާބިތު ނުކޮށްދެވޭތީ، އެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރައްވާފައެވެ.

އެމީޙުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.