ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ޝަރުއީ ބޮޑު ހުކުމެއް އަންނާނެކަމަށް، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، އެ ކެމްޕޭން ހުއްޓުވުމަށް އަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވާތީއެވެ.

ރައީސްގެ ގަރާރުގައި ވަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، މި ހަރަކާތް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.

މި ގަރާރާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަސާސީ ޙައްޤުތަކާއި، ޚިޔާލު ފާޅުކުރުމާއި، އިޙްތިޖާޖުކުރުން ފަދަ ކަންތައް މިގޮތަށް ހިފަހައްޓައި ނިގުޅައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފް އަމަލެއްކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ މައްޗަށް ޝަރުއީ ބޮޑު ޙުކުމެއް އަންނާނެކަމަށެވެ.

ޖަމީލް ވިދާޅުވީ، ޤާނޫނީ ބަހުސް ވަރަށް ސާފުކަމަށާއި، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ ދަށުން، ޤާނޫނުއަސާސީއާ ޚިލާފް ޢަމަލެއް ރައީސަކަށްވެސް ނުކުރެވޭނެކަމަށެވެ. 268 ވަނަ މާއްދާ ލާޒިމްކުރަނީ ޤާނޫނުއަސާސީ އަށް ގާނޫނުތައް ތަބާވާންކަމަށާއި، 4 ވަނަ މާއްދާއިން ބާރުތަައް އޮތީ ރައްޔިތުންގެ އަތުގަައިކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި 115އާއި 114 ވަނަ މާއްދާއިން ރައީސްގެ ބާރުތަކާއި ހުވާ ލިބެނީ މި ޤާނޫނުއަސާސީންކަމަށާއި، 127 ވަނަ މާއްދާގެ ދަށުން ރައީސްގެ ޖިނާޢީ ތަޙްޤީޤެއް ކުރެވޭކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތުހުމަތު މިހާރުވެސް ރަޢީސް ސޯލިހުގެ މައްޗަށް ކުރެވޭކަމަށެވެ.