ތިރީގައި މިވަނީ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

ފަޑީގައި އެލުވާލާފައިހުރި ބޮކިން ގޭތެރެޔަށް ފަނޑު އަލިކަމެއް ވަނީ ވެރިވެފައެވެ. ނިއްކުރިމައްޗަށް ކަނާއަތް އަރުވާގެން ނަރުގޮދަޑިއެއްގައި ފޮތި ބާލީހެއްގެމަތީ ބޯއަޅައިލާގެން މުނީރު އޮތެވެ. ދަބަރަށްގޮސް ހުސްވަން ކައިރިވެފައިވާ ފުރާޅަށް ބަލަހައްޓައިގެންނެވެ. އިރުވައި މޫސުމުގެ އެންމެ ހޫނު ގަދަ ދުވަސްވަރުކަމުން މެންދުރު ފޭބި ހޫނުގެ އަސަރު މުނީރުގެ ނިއްކުރިންނާއި ގޮޅިއެރި ހަށިގަނޑުން ހިއްލާފައި ހުރި ދާތަކުން އެހުރީ ފެނި ހާމަވާށެވެ. ގޯތިތެރެއިން ކޯޅޭ ދެބުޅާގެ އަޑުން މެންދަމުގެ ހަމަހިމޭންކަން ކޮންމެވެސް ވަރަކަށް ވަނީ ގެއްލިފައެވެ. ސިކުނޑީގައި އެނބުރި އުތުރެމުންދާ ހިޔާލުތަކާއި އަޅާ ބަލާއިރު މިކަންކަމަކީ މުނީރަށް މާބޮޑު ތުރާލަކަށް ނުވެއެވެ.

މުނީރަކީ ޔަތީމެކެވެ. އެސޮރުގެ އަމާ މުނީރުގެ އެންމެ 12 އަހަރުގައި ނިޔާވީންސުރެ ދިރިއުޅެމުން އަންނަނީ އެކަންޏެވެ. އާއިލާއެއް އޮތްބައެއް ނޫންކަމުން އެފަހަރަކު ޖެހުނު މަސައްކަތެއް ކޮށްގެން ބަނޑު ފުރާނަ މުއްތިކުރާ ސޮރެކެވެ. އެފުރާގެ ކުދިން މަކުތަބުން ކިޔަވައި ނިމުނުއިރު މުނީރު އުޅުނީ ވެލިގަލަށްގޮސް ގާތަޅާ ވަލަށްގޮސް މީހުންނަށް ގުލާނުކޮށްދީ ހެދުމުގައެވެ. ޤުރުއާން ކިޔަވާ ހަދަން އެނގުނެއްކަމަކު ލިޔަން ކިޔާކަށް ނުދަނެއެވެ. އުޅެމުން އަންނަނީ މުނީރުގެ މަންމަ ނިޔާވިއިރު ދިރިއުޅެމުން އައި ގޭގައެވެ. ގެއެކޭ ބުންޏަސް މަރާމާތުނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ބައުވެ ހަލާކުވެފައިވާ އެންމެ ކޮޓަރި ގަނޑެކެވެ. ކޮޓަރިއާއި އިންވެގެންހުރި ގިފިއްޔެކެވެ. ބަދިގެ މަރާމާތު ކޮށްގެން ބޭނުން ކުރިއެއްކަމަކު އިރުމަތީފަރާތު ބިތުގެ އެއްބައި ނުވެސް ނެތެވެ. ބަނބުކެޔޮ ފަތް އެއްޗެއް އަންދާފައި ހުރި އަޅި ފުންޏެއް ގޭގެ ބިއްދޮށުގައި ހުރިއިރު ގޯތިތެރޭގައި އޮތީ ހުސް ބިންހިމައެވެ. ގޭތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުގެ ބުޑުގައި ޅަ ބަނބުކެޔޮ އެއްޗެއް އެއްކޮށްފައި ހުއްޓެވެ.

އަހަރެންނަށް ހޭލެވުނީ ކޮންމެވެސް މީހެއް ޓިނު ދޮރުގަނޑުގައި ޖަހާލި އަޑަށެވެ. އެމީހަކު ދެތިން ފަހަރު ގޮވާލުމުން އަހަރެން ހޫސް އަޅުވާލާފައި ތެދުވެ މޯޅިއަކަށް ދެމެލީމެވެ. ގޭތެރޭގެ ގިފިލި ދޮރާވީކޮޅުގައި ދަމާފައި ހުރި ބާނުގައިއޮތް ޓީޝާޓު ގަނޑެއް ބޮލުން މަހާލުމަށްފަހު ޝަހާދަތް އިނގިލިން ދެލޯ ކަރުނަވަޅު ފޮހެލީމެވެ. އާފުރެމުންގޮސް ގޭގެ ދޮރު ހައްޔަރުކުރަށް އަޅުވާފައި ހުރި މަކުޑި ނައްޓާއި ބޭރަށް ބޯދިއްކޮށްލީމެވެ. މަނިކުބޭ! ކޮންވަޑާމެއް؟ އަހަރެން އަހާލީމެވެ. އެކޮއެ! ހިނގާބަލަ ދޯނި ފެހި ކަހާލަދޭން! ޖަވާބުގައި މަނިކުބޭ ބުނެލިއެވެ. ދެފަރާތް ބަލައިލުމަށްފަހު އަރަމުން އަންނަ އިރާ ދިމާކޮށް ގަޑިން ވީއިރެއް އަހަރެން އަންދާޒާ ކޮށްލީމެވެ. އަދި މިދަނީއޭ ތެލިއުނގުޅާ ނަރުގަނޑެއް ހޯދާފައި ބާއްވާށޭ ބުނެފައި މަނިކުބޭ ފޮނުވައިލީމެވެ. ގިފިއްޔަށް ވަދެ ވަޅުމަތީ އެއްފަރާތެއްގައި އަޅާފައި އޮތް ޓިނުގަނޑުމަތީ ހުރި ދޮން ހިމުންވެލިން މުއްވަރެއްނަގައި ރަނގަޅަށް ދަތްއުގުޅާލައި ފެންވަރާގެން ނިކުމެ މުންޑަކާއި ޓީޝާޓެއްލައިގެން މިސްރާބުޖެހީ މަނިކުބޭ އޮޑި ހަރުގެއާއި ދިމާލަށެވެ.

މާދުރުން މަނިކުބޭ މުނީރަށް ހަނާ އަޅައިލިއެވެ. މުނީރު އައިސް ގޮނޑުދޮށަށް ފޭބިއިރު މަނިކުބެ އަރުވާޖަހައިގެން ގޮނޑުދޮށުގައި މާސްކެއް ސާފުކުރަން ހުއްޓެވެ. މުނީރު އެކޮއެ! މިޔޮތީ މާސްކު! ދިރުނބާކޮޅުން ފަށާ އެކޮއެ! ބޭބެ މި ފަށަނީ ކޮޅުފަސްކޮޅުން! ކަމުގައިބުނެ މުނީރު އަތަށް މާސްކު ދިއްކޮށްލިއެވެ. ގޮނޑު ދޮށުގައިހުރި ނަރުތަކުން ތިން ހަތަރު ނަރުގަނޑެއް ފައްތަރުކޮށްލައިގެން މުނީރު މޫދަށް އެރުނީ މަނިކުބޭއަތުން މާސްކު ނަގައިގެންނެވެ. މޫނުމައްޗަށް މާސްކު ހެޔޮވަރު ކޮށްލުމަށްފަހު ފީނާގަތެވެ. ފީނާފައި ގޮސް ދިރުބާކޮޅުން ދޯނީގައި ޖަހާފައިހުރި ފެހިތަށް ސާފުކުރަންފެށިއެވެ. މުނީރަކީ މޫދަށް ފަރިތަ މީހެކެވެ. އަތްމަތި ހަލުވި މީހެކެވެ. މަނިކުބެއާއި އަދި ދެކުއްޖަކު ވެގެން ދޯނީގެ އެއްފަރާތް ފެހިކަހާ ނިމެންވާއިރަށް މުނީރު އެކަނި މާއެކަނި ދޯނީގެ އަނެއް ފަރާތް ފެހިކަހާ ނިންމާލާފިއެވެ.

ބޮޑުވާއިނގިލި ކޮޅަށް ހެރިފައި އިން ކީލި ނެރެވޭތޯ އަތަށް ލެވުނުހާ ބާރެއް ލާފައި އިނގިއްޔަށް ފިއްތަމުން މުނީރު މޫދުން އެރީ މެންދުރު މަނިކުބޭ ފެހިކަހާ ކުދިންނަށް ގެނައި ފަރިވަޅަކަށެވެ. ކިހިލިފަތް ދަށުގައި އޮތް މާސްކާއި ފެހި ކަހަން ގެންގުޅުނު ނަރުގަނޑު ތަންކޮޅެއް އެއްގަމަށް އަރާފައި އޮޑި އެހެލަން ކޮނުނު އޮޑިވަޅުގެ އެއްފަރާތުގައި ހުރި ފަސްފުނި މައްޗަށް ވައްޓައިލިއެވެ. މަޑު ހިނގުމެއްގައި ހިނގައިފައިގޮސް ހަރުގޭގައި ބަހައްޓާފައި ހުރި ފަރިވަޅާއި ކައިރިއަށް ހުއްޓިލިއެވެ. އެކޮއެ ނައިސްގެން މި މަޑުކުރަނީ އަވަހަށް ބަހީ! އަޅާފައިހުރި ބޮޑު ބަތްތަށީގެ މެދަށް ކުކުޅު ރިހަސަމުސާ އޮއްސާލަމުން މަނިކުބޭ ބުނެލިލިއެވެ. ފަރިވަޅުގެ ވަށައިގެންތިބި ހަރުގޭގައި މަސައްކަތްކުރަން އުޅުނު ހަތަރު ސޮރަށް ބަލާލައިފައި މުނީރުވެސް ދެފައި ވައްކޮށް އިށީނދެ ކާންފެށިއެވެ.

ފަރިވަޅު ހިފައިގެން އައިސަ އާއިއެކު އޮޑިހަރުގެ ކައިރިޔަށް އައި ސަކީނާ ލަސްވެގެން އުޅޭކަހަލައެވެ. ހަރުގޭގެ ބޭރުގައި ހުރި ބޮޑު ކާނިގަހުގެ ހިޔަލުގައި ކާނި މަދުބިންނަން އިނދެފައި ބިން މަދުކޮޅުން ބައެއް ސަކީނާގެ އަމާ އައިސައަށް ދިއްކޮށްލިއެވެ. ލަސްވާތީ ފޫހިވެފައި އިން ސަކީނާ އަތުގައި ހުރި ބާކީ މަދުކޮޅު ހުރިގޮތަށް އަނގަޔަށް އަޅައި ހަފައިގަތެވެ. ކޮޅަށް ތެދުވެ ކަނޑިއްކާއި ހެދުންބުރި ފޮޅާލުމަށްފަހު އަދިވެސް ބައްޕަމެން ނުނިމޭތޯ އައިސަ އާއި ސުވާލު ކޮށްލިއެވެ. ޖަވާބުގައި ނޭގެއޭ ބިއްގަނޑުން ބަލައިލަ ބަލަހަރޭބުނެ, ސަކީނާ ފޮނުވާލިއެވެ. ވަގު ގޮތަކަށް ސަކީނާގޮސް ހަރުގޭގެ ބާގަނޑަކުން ކާންތިބި މީހުންނަށް ބަލާލިއެވެ. އަދިވެސް ނުނިމޭތަ؟ ސަކީނާ ބާގަނޑުގައި ލޯޖެހިގޮތަށް އިރުގަނޑެއްވަންދެން ބަލަން އޮތުމުން އައިސަ އަހާލިއެވެ. ޖަވާބުގައި ނިމިއްޖެ ކަމުގައި ސަކީނާ ބުންޏެވެ. އަދި އަވަހައް ތަށިތަށް ނަގައިގެން ގެޔަށްދިއުމަށްއެދި ބާގަނޑުން ބޯހިއްލައިލާ އައިސަ އާއި ދިމާލަށް ހިނގައިގަތެވެ.

ސަކީނާ އަކީ މަނިކުބޭގެ ހުރި ހަމައެކަނި ދަރިއެވެ. މަނިކުބެއަކީ މަހާދުއްވާ ތިން ގަނޑެތި އޮންނަ މީހެކެވެ. ރަށުގައި ކަމުއޮށިގެންވާ މީހެކެވެ. މަދު އެއްޗެއް މަނިކުބޭގެ ނެތެވެ. ފިރިހެން ދަރިއެއް ފިޔަވައެވެ. ކުރާނީ ކީއްހެއްޗެވެ. އިތުރު ދަރިއެއް ދެއްވާތޯ އައްޑު އަތޮޅުން ފެށިގެން ބޮޑު ތިލަދުންމައްޗާއި ހަމަޔަށް ބޭސްކުރަން ނުގެންނަ ބޭސްވެރިއެއް ފަންޑިތަވެރިއެއް ނެތެވެ. ނަމަވެސް ލިބުނު ފަރުވާއެއް ނެތީއެވެ. މާލެގޮސް މާލޭގެ ނަންހިނގާ ޔޫނާނީ ބޭސްވެރިންނަށް ދެއްކިއްޖެއެވެ. ވީކަމެއް ހަރާމެވެ. މަނިކުބޭގެ ދެމަފިރިން ނަދުރުބުނެ ސަދަގާތްބެހުނު އަދަދެއް ނޭނގެއެވެ. ކިތަންމެ ތަނަވަސް ބައެއް ނަމަވެސް ކަލާންގެ ހަޒުރަތުން ދެއްވަންނެތް ރޯއްޖެއް ނުލިބޭނެތާއެވެ.

ކިތަންމެ އަރާމު ތަންމައްޗެއްގައި އޮތްކަމަކު ރޭ ދެބައިވީއިރުވެސް ސަކީނާ އޮތީ ނުނިދިފައެވެ. މިއީ އެހެންޏާ އޭނާއަށް ވީގޮތެއް ނޫނެވެ. އެއް ފަރާތް ވަރުބަލިވުމުން އަނެއް ފަރާތަށް ޖެހިޖެހި އޮންނަތާ މިހާރު ވީއިރެއް ބުނަންވެސް ނޭގެއެވެ. އިޝާނަމާދުން ފައިބާގެން ކައި އަވަދިވެގެން ނިދަން އޮށޯތް ނަމަވެސް އަދި ނިދޭގޮތެއްނުވެއެވެ. ސަކީނާގެ ހިޔާލުތަށް ނުތަނަވަސްވަނީއެވެ. ފިކުރު ބޮޑުވަނީއެވެ. އިޝްގީ ލޯބީގެ ޖަޒުބާތުތަކަކީ މީގެކުރިން ސަކީނާގެ ހިތުގައި ހިނގި ޖަޒުބާތުތަކެއް ނޫނެވެ. ފުރިހަމަ އަންހެނަކަށްވީފަހުން އޭނާ އަދި ފިރިހެނަކަށް އެފަދަ ނަޒަރަކުން ނުދެކެއެވެ. ފިރިހެން ވަންތަ ހަށިގަނޑަކާއި ހަމުގައި ހުރި ގަދަ މުށިކުލައިގެ އިތުރުން ހަށިގަނޑުގެ ބައްޓަމާއި މަޑުމައިތިރި ކިޔަމަންތެރި މިޒާޖުން ސަކީނާގެ ހިތާ, ސިކުނޑި މުނީރު ކިޔަމަންކޮށްފިކަން ކަށަވަރެވެ.

ދަރިފުޅާ! ދަރިފުޅާ! އަވަހަށް ތެދުވޭ! އިރުއަރާފާނެ! އަވަހަށް ތެދުވޭ ނަމާދަށް! އައިސަގެ އަޑަށް ސަކީނާ ސިއްސައިގެން ގޮސް ތެދުވިއެވެ. ދޮރުހުޅުވާލާފައި ފެންޑާއަށް ނިކުތްއިރު އައިސަ ހަތިމެއް ހިފައިގެން ކިޔަވަން އިނެވެ. ސަކީނާ ގިފިއްޔަށްގޮސް ދަތްއުނގުޅާ މޫނުދޮވެ ވުލޫކޮށްލައިގެން ނިކުމެ ފަތިސްނަމާދު ކޮށްއަވަދިވެގެން ހަތިމެއް ނަގައިގެން އައިސަ ގާތުގައި ކިޔަވަން އިށީނެވެ. ދަރިފުޅާ ހާދަ ވަރަކަށް އާފުރެނީ! ރޭ ނުވެސް ނިދަނީތަ؟ އާސަގެ ސުވާލަށް ސަކީނާގެ ނިދިފިލާއި ދިޔަކަހަލައެވެ. ނޫނެކޭ ބުނުމުގެ ގޮތުން ޗޮކެއް ކަނޑާލައިފައި އަޑަށް ބާރުލާ ކިޔަވަން ފެށިއެވެ. މިސްކިތުން ފައިބާގެން އަތިރިޔަށްގޮސް މަނިކުބޭ ގެޔަށް އައިއިރު އައިސަ ހުރީ ސައި ހަދާފައެވެ. މަނިކުބޭގެ ބަނޑަށް ކިރިޔާ ކަތާވަރަށް ތިން ހުނި ރޮށި ކޮށައި އާސަ އެޔަށް ގަރުދިޔަ އަޅައިދިނުމުން ފިޔާ ފަޅިއަކާއި ފޮޅިކޮށްފައިއޮތް މިރުހެއް އެޔަށް ލައި ލިބޯ ފަޅިއެއް ޖަހާ މޮޑެލާފައި ކާން ފެށިއެވެ.

އައިސާ! މިހާރު ސަކީނާ ގާތު އެވާހަކަ ދައްކައިފިންތަ؟ އެމަންޖެ ކީކޭބުނީ؟ އައިސަ ކޮށާފައި ފޯއްކޮޅު ބިލަތް އަރިއަކާއިއެކު މަނިކުބެއަށް ދިއްކޮށްލުމުން މަނިކުބެ އަހާލިއެވެ. އަދި ނާހަން! އަހަރެމެން ނިންމާ ނިންމުމަކާ އެމަންޖެ ދެކޮޅެއް ނުވާނެކަމުގައި އައިސަ ބުނެފައި ސަކީނާއަށް ގޮވާލިއެވެ. ފެންޑާގައި އެލުވާފައި އިން އުނދޯލީގައި މަނިކުބޭ އާއި އައިސަ އިންއިރު ސަކީނާ އައިސް ހުއްޓުނީ އެދެމީހުންގެ ކުރިމަތީ އެއްފަރާތެއްގައެވެ. ކިހިނެއްތޯވީ! ސަކީނާ އެހުމުން މަނިކުބޭ ދިގުވާހަކަ ކުރުކޮށްލާފައި މީހަކާ ހިތާވެގެންތޯ އުޅެނީ އާއި މީހަކާއި އިންނަންޏާ އިންނަން ބޭނުން ވަކިމީހަކު ހުރިތޯ ސުވާލު ކޮށްލިއެވެ. ޖަވާބުގައި ސަކީނާ ލަދުންހުރެ ނޫނެކޭ! ނެތޭ! ބުނެ އިސްޖަހާލިއެވެ. މަނިކުބޭކަހަލަ ހަށިގަނޑު ވަރުގަދަ މީހަކު އުނދޯލީގައި އިނުމުން އުނދޯލި ހެއްލަން އައިސައަށް ދަތިވިނަމަވެސް ފައިގާ ހުރި ބާރެއް ލާފައި އުނދޯލި ހެއްލައިލަމުން މުނީރު އާއިމެދު ބައްޕަ ވަރަށް ރުހިލައްވައޭ ބުންޏެވެ. ސަކީނާ ލަދުންހުރެ ޒާތަކަށް ރަކި ހިންޏެއް ހެމުން އެތަނުން ދިއުމުން އައިސަވެސް މަނިކުބޭއަށް ބަލައިލާފައި ނިއްއަރުވައިލާފައި ތިޔަވީ! އޭބުނެފައި ހީލިއެވެ.

ރަށުތެރޭގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއްވާހަކައަކީ މަނިކުބޭގެ ސަކީނާ އިންނަށް މުނީރު އިހްތިޔާރު ކުރި ވާހަކައެވެ. މުނީރަކީ ބޮޑުވަމުން އައިއިރު މަގުދައްކައި, އަޅައިލާނެ ޔާރެއް އިޔާރެއް ނެތް މީހެއް ނަމަވެސް އޭނާ އަކީ ހީވާގި މުރާލި ފިރިހެނެކެވެ. ކޮށްމެ މަސައްކަތެއްގެ ވާހަކަ ބުންޏަސް ކުރަން އެނގޭ މީހެކެވެ. ފަސްވަގުތު ނަމާދުކުރާ ހެޔޮލަފާ ސޮރެކެވެ. މުނީރު ފަދައިން ބޮޑުވި ދެތިން ސޮރެއް މިރަށުގައި ވައްކަންކޮށް މީހުންނަށް ޖެއްސުން ކުރަން އުޅުނެއް ކަމަކު މުނީރު ހިޔާރުކުރީ އެގޮތެއް ނޫނެވެ. މުނީރުގެ މަންމަ މަރުމަތީގައި ކުރި ވަސިއްޔަތުގައި ހިފައިގެން ހެޔޮލަފާ މީހަކަށް ވެވޭތޯ އޭނާ މަސައްކަތް ކުރެއެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭތޯ ދުއާ ކުރެއެވެ. ސަކީނާ އަކީ ތަނަވަސް ދެމަފިރިއެއްގެހުރި ހަމައެކަނި ދަރިއެވެ. ހުރިހާ މުދަލެއްގެ ވާރުތަވެރިޔާއެވެ. އެންމެ ފުރިހަމަ ނޫނަސް ރީއްޗެވެ. ރަށުގެ ސަކީނާއާއި އެއްފަންތީގެ ކިތަންމެ ޒުވާނެއް ސަކީނާގެ ކައިވެއްޏަށް ތިބީ އެދިއެދިއެވެ. މިކަމާ މުނީރުދެކެ ރުޅިއަންނަ ބައެއްވެސް ރަށުގައި އުޅޭނެކަން ކަށަވަރެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން އެހެލި މަނިކުބޭގެ މަހާދުއްވާ ބޮޑު އޮޑި މަރާމާތުކޮށް ކަޑިލާ ނިމި މިހާރު އެޔޮތީ ބާލަންވެފައެވެ. މަނިކުބޭގެ އިރުޝާދާއި އެއްގޮތަށް މިހުރިހާ މަސައްކަތެއް ބަލަހައްޓަނީ މިހާރު މުނީރެވެ. ވާނީވެސް އެހެންތާއެވެ. މުނީރު އާއި ސަކީނާގެ ކައިވެނި އަންނަ ހަނދުމަހުގެ ފުރަތަމަދުވަހު ކުރުމަށް ވަނީ ހަމަޖެހި ނިމިފައެވެ. އެކަމަށް ކުރަންހުރި ތައްޔާރީތަށް ގާތްގަނޑަކަށް މިހާރު އެހެރަގެން ނިމެނީއެވެ. ކައިރި ރައްރަށުގައި ހުރިނަމަ ހުރިހާ ކުކުޅުހާލާއި, ދޮންކޭލާއި, ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން ފެންމީރު ރުކެއްގައި ކުރުންބާ އިހަލެއް އޮތިއްޔާ މިހާރު އެއޮތީ މަނިކުބޭމެންގޭ ގޯތިތެރޭގައެވެ. ސަކީނާގެ ކައިވެއްޔަށް ކައްކަން ގެނައިހާ ދަރު ގޭގެ އެތަންމިތާގައި ފުނި ފުންޏަށް ޖަހާފައި ހުއްޓެވެ. މާލެއިން ރަށައްފުރި ދޯއްޏަށް މަނިކުބޭވަނީ ކާޑުގެ ހުރިހާ ބާވަތެއް ޖަމާކޮށްފައެވެ. މި ކައިވެއްޔަކީ އެންމެންގެ ރުހުމާއިއެކު ކުރެވޭ ކައިވެއްޏަކަށްވެފައި ހުރި ހަމައެކަނި ދަރިފުޅުކަމުން ވީ އެންމެ ފުރިހަމަޔަށް ކައިވެނީގެ ވަލީމާ ރަށުގެ ރައްޔިތުންނަށް ދޭން މަނިކުބޭގެ ދެމަފިރިން ބޭނުންވެއެވެ. (ނުނިމޭ)