އިސްރާއީލުގެ އުދުވާނީ ބާރުތަކުން މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ އަލްއަގްސާ މިސްކިތަށް ހަމަލާދިނުމާއި، ހިފާފައިވާ ރަށްތައް ކަމަށްވާ ގުދުސްއާއި ހުޅަނގު އައްސޭރީގައި އާންމުންނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ތާއީދުއޮތްކަން ހާމަކުރުމަށާއި، އިސްރާއީލުގެ އުދުވާނު ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވަން ފަށައިފިއެވެ.

ޖަރުމަނުގެ ވެރިރަށް ބާރލިންގައި ފަލަސްތީނު ރައްޔިތުންނާއި، ފަލަސްތީނަށް ތާއީދުކުރާ އެތައްސަތޭކަ މީހުންވަނީ އެއްވުމެއް ބާއްވާފައެވެ. އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ. އަދި ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ އިސްރާއީލު އެމްބަސީ ކުރިމަތީގައިވެސް މިއަދު ބޮޑު އެއްވުމެއް ބާއްވާފައި ވެއެވެ. ލަންޑަން އެއްވުމުގެ ބައިވެރިންވަނީ އަގްސާ މިސްކިތާ ގާތްނުވުމަށް ގޮވައި އިސްރާއީލަށް ނުރުހުން ފާޅުކޮށްފައެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަގްސާ މިސްކިތުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި ބަނގްލަދޭޝްގެ އެތައްސަތޭކަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ. އިސްރާއީލާ ދެކޮޅު ތަފާތު ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ފަލަސްތީނުގެ ދިދަ ހިފައިގެން އެމީހުންވަނީ މަގުތަކުގައި ހިނގާފައެވެ.

ޕާކިސްތާނުގެ އެންމެބޮޑު ރަށްކަމަށްވާ ކަރާޗީއާއި ވެރިރަށް އިސްލާމްއާބާދުގެ މަގުތަކަށް އެތައްހާސް އާންމުން އެއްވެ، އިސްރާއީލުގެ އުދުވާނުތަކުން ތަކުރާރުކޮށް އަގްސާ މިސްކިތަށް ދެމުންގެންދާ ހަމަލާތަކާއި، ފަލަސްތީނުގެ އާންމުންނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، އިސްރާއީލަށް ނުރުހުން ފާޅުކޮށްފައި ވެއެވެ.

އިސްރާއީލަށް ނުރުހުން ފާޅުކޮށް އަދި އަގްސާގައި ހިންގާ އުދުވާނު ކުށްވެރިކޮށް އުރުދުންގެ ވެރިރަށް އައްމާންގެ މަގުތަކަށް އެތައްހާސް ބަޔަކު ނުކުމެ، ބޮޑު އެއްވުމެއް ބާއްވާފައި ވެއެވެ. އަދި އުރުދުނުން އިސްރާއީލާއެކު ހަދާފައިވާ ސުލްހައިގެ އެއްބަސްވުން އުވާލަންވެސް ގޮވާލާފައި ވެއެވެ.

އެމެރިކާގެ ޗިކާގޯއާއި، ސޫރިޔާގެ އިދްލީބާއި، އަޔަރލޭންޑްގެ ޑަބްލިންއާއި، ބެލްޖިއަމްގެ ބްރަސަލްސްއާއި، އެނޫންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ތާއީދުކޮށް އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ އަޑުއުފުލާފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުގެ ދެކޮޅުވެރިކަމާއި، ހުރަސްއެޅުންތަކާ އެކުވެސް އިއްޔެވެސް ފަލަސްތީނާއި ދުނިޔޭގެ އެހެން ގައުމުތަކަށް ނިސްބަތްވާ މުސްލިމުންނާއެކު 150،000 މީހުން އަގްސާ މިސްކިތުގައި ހުކުރު ނަމާދުކޮށްފައި ވެއެވެ.

ހުކުރު ނަމާދުގެ ކުރިން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހުކުރު ދުވަހުގެ ހެނދުނު އަގްސާ މިސްކިތަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 57 މީހުން ޒަޚަމްވިއެވެ.

އިއްޔެގެ ހުކުރުނަމާދު:

އިސްރާއީލުގެ އުދުވާނުތައް ހުއްޓާނުލާ ކުރިއަށް ގެންދާއިރު، މަސްރަހް އިތުރަށް ގޯސްވަމުންދާތީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެހެން ނަމަވެސް، އިސްރާއީލު ހުއްޓުވަން އދއިންވެސް އަދި ދުނިޔޭގެ އެހެންވެސް ބާރަކުން އުޅޭތީއެއް ނުފެނެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު އުދުވާނީ ބާރުތަކާ ކުރިމަތިލަނީ އެއްވެސް ހަތިޔާރެއްނެތި ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ.

މިހާލަތުގައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތައް ފޮނުވަން ހުޅަނުގެ ގައުމުތަކުގެ މީޑިއާއާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާއިރު، ފަލަސްތީނު ރައްޔިތުންނާމެދު އިސްރާއީލުން ހިންގާ ޖަރީމާތައް ދުނިޔެއަށް ހާމަވެ ފަތުއަޑުކިޔާފައި ފެތުރެމުން ދެއެވެ. ފަލަސްތީނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރްދީ އޮހެމުންދެއެއެވެ.