ކޮންމެ ދެމަފިރިއަކުވެސް އެކުގައި ހަޔާތެއް ބިނާކުރުމަށް ދަތުރު ފަށަނީ އެތައް އުއްމީދު ތަކަކާއެކުއެވެ. ބައެއް މީހުން ބުނާ ގޮތުގައި ކިތަންމެ ގިނަ ދުވަހު އެކުގައި ދިރިއުޅުނު ކަމުގައި ވީނަމަވެސް އެއްވެސް އިންސާނަކަށް އަނެކާގެ ހަގީގަތް ފުރިހަމައަށް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަފަހަރަށް ހަޔާތުގެ ބައިވެރިއަކަށް ހިޔާރުކުރާ މީހާގެ ހަގީގަތް ނުވަތަ އަސްލު ސިފަ ފެންނަނީ ދިރިއުޅުމުގައި ބޮޑެތި ކަންކަމާ ކުރިމަތިވުމުންނެވެ.
ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް ކުރާ އަނިޔާގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ގެވެށި އަނިޔާ ތަހައްމަލުކުރަމުންދާ އެތައް ބައެއް މި މުޖުތަމައުގައި ތިބި ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަނިޔާގެ ވާހަކަ ދެކެވޭއިރު، އަނިޔާގެ ޝިކާރައަކަށް ވަނީ ހަމައެކަނި އަންހެނުން ކަމަށް ގިނަ މީހުންނަށް ހީވެފައި އޮވެދާނެއެވެ. ނަމަވެސް މިއީ މުޅީން ކުށްހީއެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާ ތަހައްމަލުކުރާ މީހުންގެ ނިސްބަތުން އަންހެނުން ގިނަ ނަމަވެސް، ފިރިހެނުންވެސް މިފަދަ އަމަލެއްގެ ޝިކާރައަކަށް ވެދާނެއެވެ. ގިނަ ފިރިހެނުންނަށް އެމީހުންނަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ބައެއް ކަމަށް ގަބޫލުކުރެވި އިހުސާސް ކުރެވެނީ އެމީހުންގެ ދިރިއުޅުމުގެ ކޮންޓްރޯލް ގެއްލި އެތައް ދުވަހެއްވާފަހުންނެވެ. އަދި، މިފަދައިން ގަބޫލު ކުރެވުނު ނަމަވެސް އަންހެނެއްގެ ފަރާތުން އަނިޔާ ލިބުމަކީ "މާ ބޮޑު ކަމެއް ނޫން" ކަމަށްވެސް ހީވެފައި އޮވެއެވެ.
ގޭބިސީއެއްގެ ތެރޭގައި އެކަކު އަނެކަކަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދެވޭ ކޮންމެ ނިކަމެތިކަމަކީ ގެވެށި އަނިޔާއެވެ. އަނިޔާ އަނިޔާއަކަށް ވަނީ ހަމައެކަނި އަތް އިސްކުރުމަކުން އެކަންޏެއް ނޫނެވެ. އާއިލާއެއްގެ ތެރޭގައި، ނުވަތަ ދިރިއުޅޭ މާހައުލެއްގައި އަނެކާއަށް ހިތްހަމަނުޖެހުމެއް ލިބޭފަދަގޮތަކަށް ފުރައްސާރަކޮށް ދިމާކުރުމަކީވެސް ނަފްސާނީގޮތުން ގެވެށި އަނިޔާކުރުމޭ ބުނެވިދާނެއެވެ. ގޭތެރޭގައި ބަސްމޮށުންތެރިކަން ބަހައްޓާގޮތާއި، ބިރުދެއްކުމާއި، ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ ކަމަކީ އަނިޔާއެވެ.
އަނބިމީހާގެ ނުފޫޒުގެ ބާރުގަދަކަމުން "އަނބި ދަށުވެފައިވާ" ފިރިހެނުން މާޔޫސްކަންމަތީ އުޅޭކަން ފާހަގަކުރެވެއެވެ. އެފަދަ ފިރިހެނުންނާ ދިމާއަށް ކުދި ކިއުމާއި، ހިތުގައި ޖެހޭފަދަ އެތައްކަމެއް ކުރާކަން މިއަދުގެ މުޖުތަމައުން ފެންނަމުންދާ ކަންކަމުން ހެކިދެއެވެ. "ފިރިހެނަކަށް ވާށޭ" ބުނެ އެހިސާބުން ވާހަކަ އޮއްބާލާތަން އާދެއެވެ.
ހިތްއެދޭ ފަދައިން ކަމެއް ނުވުމުން ދިމާލަށް ހަޅޭއްލަވައި މީހުންގެ ކުރިމަތީގައި އަގު ވައްޓާ ހެދުމަކީ އަނިޔާއެވެ. ތިމާ ކަންކަމުގައި ވިސްނާ ގޮތާއި، އިހުސާސްތަކަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ބުނުން ނުވަތަ އެފަދައިން އަމަލުކުރުމަކީ އަނިޔާއެވެ. އެކަން އެގޮތަށް ވާން ދިމާވީ ތިމާގެ ސަބަބުން ކަމަށް ބުނުމަކީވެސް އަނިޔާއެވެ.
މަޝްހޫރު އެކްޓަރ ޖޯނީ ޑެޕް އަށް ދިމާވި ހާދިސާއަކީ މިކަމަށް ގިނަ ބަޔަކު ލޯ ހުޅުވިގެން ދިޔަ މައްސަލައެކެވެ. ޑެޕް އަނިޔާކުރިކަމަށް ބުނެ އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހަރޑް ވަނީ މީޑިއާގެ ކުރިމަތީގައި ވާހަކަދައްކާފައެވެ. އެމްބަރގެ މި ތުހުމަތުތަކާއެކު ޑެޕް މަސައްކަތް ކުރަމުން ދިޔަ ގިނަ ފިލްމުތަކެއްވެސް އޭނާއަށް ގެއްލިގެން ދިޔައެވެ. ނަމަވެސް ކަމުގެ ހަގީގަތް އެނގިގެން ދިޔައީ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އަނިޔާގެ ޝިކާރައަކަށްވެފައިވަނީ އެމްބަރ ނޫންކަން ހާމަވެގެން ދިޔައެވެ.
އެމްބަރ ހަރޑްގެ ފަރާތުން މަލާމާތުގެ، އިހާނެތި، ހަރުކަށި ބަސްތައް ރައްދުވެ އަނިޔާގެ ޝިކާރައަކަށްވި ކަމަށް ޑެޕް ކޯޓުގައި ބުނެފައިވެއެވެ. ޑެޕް ބުނީ އޭނާގެ އަންހެނުންގެ ކުރިމަތީގައި އޭނާގެ އަޑެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އެތައް ކަމެއް ކުރިމަތިވި ކަމަށާއި، އެދުވަސްތަކަކީ އޭނާގެ ދިރިއުޅުމުގައި ތަހަންމަލްކުރަންޖެހުނު އެންމެ ދަތި އުނދަގޫ ދުވަސްތަކުގެ ގޮތުގައި ޑެޕް ސިފަކުރެއެވެ.
ގެވެށި އަނިޔާގެ ޝިކާރައަށް މީހަކު ވަނީ އަންހެނަކަށް ވީތީ، ނުވަތަ ފިރިހެނަކަށް ވީތީއެއް ނޫނެވެ. އެއީ ކޮންމެ ޖިންސެއްގެ، ކޮންމެ ނަސްލެއްގެ، ކޮންމެ އުމުރެއްގެ މީހަކަށްވެސް ދިމާވެދާނެ ކަމެކެވެ. ރީތި ސިފަތަކެއް ހުރިނަމަވެސް، މަޝްހޫރުކަމެއް ލިބިފައިވީނަމަވެސް، ކިތަންމެ މުއްސަނދި މީހަކަށް ވީނަމަވެސް އެފަދަ ކަމެއް ކުރިމަތިވެދާނެއެވެ.
މިއީ ނުދައްކައި ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. އޭގެ ޒާތުގައި އަމިއްލައަށް ރަނގަޅުވާނެ ކަމެއްވެސް ނޫނެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައު ހޭލުންތެރިވެ އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ސީރިއަސް މައްސަލައެކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޮންމެހެންވެސް ދައްކަން ޖެހޭ ވާހަކައެކެވެ.
އެފަދަ އަނިޔާއަކީ އެއްވެސް އިންސާނަކު ކުރިމަތިލައި ތަހައްމަލުކުރަންޖެހޭ ވޭނެއް ނޫނެވެ.
މުށު ތެރެއަށް ލައިގެން ފިރިން ގެންގުޅޭ އިރު ބައެއް އަންހެނުންނަށް ނޭނގެ ފިރިމީހާ އަކީ ގަނީމާ މުދަލެއް ނޫން ކަމެއް. ހަމަ ގެވެށި އަނިޔާ.
އަޑުއަހަންތޯ ގޭޓްފާސް ހިފައިގެންނޭ ގެއަށް ދެވޭނީ ބުނާ އަޑު؟ ބައެއް ފިރިން ކިތަންމެ ދުވަހަކު ޖޯލިފަތީގައި އެބަ ނިދާ. ސިޓިންރޫމް ގޮޑީގައި އެބަ ނިދާ އެކަމަކު މީ ގެވެށި އަނިޔާ ކަމަށް ޚުދު އެފިރިންވެސް ޤަބޫލު ނުކުރޭ. އަޅުގަނޑު ދެކޭގޮތުގައި އަނބިމީހާ އާއެކު ޝޮޕިންގކުރަން ދިޔުމަކީވެސް ފިރިންނަށް ދެވޭ އަނިޔާއެއް. ފޮތި ފިހާރައަށް ވަދެ ލަދުން ހަދާނެގޮތެއް ނޭނގިފާ ހުންނަންޖެހޭ. ޙެދުން ފިހާރައަށް ވަދެފާވެސް ހަމަ އެހާލު. ދެން ޝޮޕިންގ ބޭގުތައް ހިފައިގެން. ނުވިތާކަށް ހޭންޑްބޭގްވެސް އުފުލަން ޖެހޭ.
ވަރަށް އުފާވެއްޖެ މި ލިޔުން ކިޔާފަ. މިކަަހަލަ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލަން ޖެހޭ. ތިގޮތުގަ ކުރިޔަށްދިއުން އަބަދުވެސް އެދެން.
ވަރަށް ރީތި ލިޔުމެއް. އަސްލުގަ ވެސް ދައްކަން ޖެހޭ ވާހަކަ މި ހުންނަނީ.
ވަރަށް ބޮޑު ތެދެއް!!