ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދު މަރާލިތާ ފަސް އަހަރުވެފައިވާ އިރުވެސް އިންސާފު ލިބިފައި ނުވާ ކަމަށް ބުނެ، މަރު ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

މި މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ ދެމީހުންގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ޖެނުއަރީ މަހުގެ 19 ވަ ދުވަހު އެދެމީހުންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

ޔާމީން ރަޝީދު މަރާލިތާ އިއްޔެއަށް ފަސް އަހަރު ވެފައިވާއިރު، އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ބުނީ އަދިވެސް އިންސާފު ހޯދުމަށް މަސައްކަތްކުރަމުންދާނެ ކަމަށާއި، ޔާމީން މަރާލުމަށް ފަންޑުކުރި ފަރާތްތައް ހާމަކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި، އަދި އަދަބު ނުދިނުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

ދައުލަތުން މި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ. އޭގެތެރެއިން ދިފްރާނާއި އިސްމާއީލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ މިމަހުގެ 17 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ.ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. .