ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ "ސަޅި" ފުރުސަތެއް ހުޅުވާލައިފިއެވެ.

ބ. އަތޮޅުގެ ރިސޯޓެއްކަމަށްވާ ކޮކޯ ޕާމް ދުނިކޮޅުންވަނީ އަންނަ ސެޕްޓެމްބަރ މަހު އެރިސޯޓްގެ ޑައިވިންގ ސްޕޮޓްތަކާއި މުރަކައިގެ ބަގީޗާތައް ތަރައްގީކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮރަލް ގާޑްނަރ އެއް ހޯދުމަށް އިއުލާން ކޮށްފައެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ކަމުގެ ތަޖުރިބާ ހުންނާކަށް މަޖުބޫރެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގެ މީހަކަށްވެސް ކުރިމަތިލެވިދާނެ ކަމަށް އެ ރިސޯޓުން މައުލޫމާތުދެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފަރުތަކުގެ މުހިންމުކަމާއި ފަރުތައް ހިމާޔަތްކުރުމަށް އަމަލު ކުރާނެ ގޮތް ބަޔާންކޮށް 500 ބަހުގެ ލިއުމެއް ހުށަހަޅަން ޖެހެއެވެ. އަދި މިމައުލޫމާތު ހިމެނޭ 2 ނުވަތަ 3 މިނިޓްގެ ވީޑިއޯ ކްލިޕެއް ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއްގައި ހިއްސާކޮށް އޭގެ ލިންކް ފޮނުވަން ޝަރުތުކޮށްފައިވެއެވެ.

ކޮރަލް ގާޑްނަރ އަކަށް ހޮވޭ ފަރާތް ފަތުރުވެރިންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި 3 ހަފްތާގެ ވަގުތީ މަގާމެއް ފުރާނެއެވެ. އިންޓަރންޝިޕްގައި ހޭދަކުރާ މުއްދަތަކީ މުސާރައެއް ކަނޑައެޅިފައިވާ މުއްދަތެއްނޫނެވެ. އެހެންނަމަވެސް ދެކޮޅު ޓިކެޓާއި ކަނޑާއި އެއްގަމުގެ ދަތުރުތަކާއި ކެއުމާއި ހުރުމުގެ ހުރިހާ ހަރަދެއް ލިބުމުގެ އިތުރުން ރިސޯޓުގެ މާހައުލުގައި ހިމެނޭ ކޮންމެ ކަމެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ކޮކޯ ޕާމް ރިސޯޓުން ބުނެއެވެ.

ކޮކޯ ޕާމް އިން ބުނީ މި މަގާމަށް ހޮވޭ ފަރާތް މަސައްކަތް ކުރާނީ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގެ ކޯރަލް ރީ-ޕްލާންޓިން ސްކީމްގެ މެރީން އެޑިއުކޭޓަރ އާއެކު، ފަރުތަކުގެ ދިރުންތަކާއި ބެހޭ މައުލޫމާތުގެ އިތުރުން މަސްމަހާމެހި ދެނެގަތުމާއި، މުރަކަ އިންދާ އާލާ ކުރުމުގެ އިތުރުން ކައިރި ރަށްރަށުގެ ފަރު ހިމާޔަތް ކުރުމުގެ ގޮތުން ކުރިއަށް ދާ ޕްރޮޖެކްޓް ތަކުގައި މަސައްކަތުގައި ކަމަށެވެ.

މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މެއި 12 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ހުޅުވިފައިވެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު އެ ރިސޯޓުގެ ވެބްސައިޓް އިން ލިބެންހުންނާނެއެވެ.