ނޭވާ-2ގެ ނަމުގައި، ކަނޑުއަޑީގައި ނޭވާ ހިފެހެއްޓުމުގެ ރިކޯޑު ގާއިމު ކުރުމަށް ބާއްވާ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭވާ-2 ހަރަކާތަކީ، އެންމެ ގިނަ އަދަދެއްގެ މީހުން، އެއްފަހަރާ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރިކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގެ ޑިޖިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ދިރާގުގެ މައި އޮފީހުގައެވެ.

މޯލްޑިވްސް ފްރީޑައިވިން އެސޯސިއޭޝަނުން އިންތިޒާމު ކުރާ މި ހަރަކާތަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރާކަތެކެވެ. ނޭވާ-1ގެ ނަމުގައި 2019 ވަނަ އަހަރު ވަނީ، އެންމެ ގިނަ މީހުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރިކޯޑު ވެސް ރާއްޖޭގައި ހަދާފައެވެ.

ޖުމްލަ 521 މީހުންނާއެކު ކުރިއަށް ދިޔަ އެ ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ.