މިހާތަނަށް އިންޑިއާގައި އުފައްދާ އެންމެ ވަރުގަދަ އެކްޝަން ސީރީސްއާއި ބަތަލާ ޝިލްޕާ ޝެޓީ ގުޅިއްޖެއެވެ.

"އިންޑިއަން ޕޮލިސް ފޯސް" ގެ ނަމުގައި އުފައްދާ މި ވެބް ސީރީސްއަކީ އެމޭޒަން ޕްރައިމްއާއި ޕްރޮޑިއުސަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްއާއި ގުޅިގެން އުފައްދާ ސީރީސްއެކެވެ.

އެކްޓަރު ސިދާތު މަލްހޯތްރާ މުހިއްމު ރޯލްއިން ފެނިގެންދާ މި ސީރީސްގައި ބަތަލާ ޝިލްޕާ ފެނިގެންދާނީ އަންހެން ފުލުހެއްގެ ރޯލުންނެވެ.

ވަރުގަދަ އެކްޝަން ފިލްމުތައް ގެނެސްދީފައިވާ ރޯހިތުގެ މި ވެބް ސީރީސްއިން އިންޑިއާގައި އާ ބެންޗްމާކެއް ޤާއިމުކުރާނެކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެތެރޭގައި ސީރީސްގެ މަސައްކަތް ފެށިފައިވާއިރު ސީރީސްގެ ފުރަތަމަ ޕޯސްޓަރވެސް މިހާރުވަނީ އާއްމުކޮށްފައެވެ.

ބަތަލާ ޝިލްޕާގެ އަމިއްލަ އިންސްޓަގްރާމްގައި ބުނެފައިވަނީ، އެކްޝަން ކިންގް ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްއާއި ގުޅުމަކީ ލިބުނު އުފަލެއް ކަމުގައެވެ.

މިސީރީސްގައި މައިގަނޑުގޮތެއްގައި ދައްކުވައިދޭނީ އިންޑިއާގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ ފުލުސް އޮފިސަރުން ޤައުމަށްޓަކައިވާ ޤުރުބާނީތަކެވެ. އިންޑިއާގެ ރައްޔިތުންނަށް އެޤައުމު އަމާން އޮމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް މިސީރީސްއިން ވަރަށް ރަގަޅަށް ދައްކުވައިދޭނެއެވެ.

އިންޑިއަން ޕޮލިސް ފޯސްއަކީ، ރޯހިތަށް ވަރަށް ޚާއްސަ، އަބަދުވެސް ވަރަށް އިޙްތިރާމްކުރާ ބައެއްކަމަށް ބުނަމުން ކާމިޔާބު ޕްރޮޑިއުސަރު ބުނެފައިވަނީ، ފުލުހުން ކޮށްދޭ އަގުހުރި މަސައްކަތް އިންޑިއާގެ އިތުރުން ބޭރު ޤައުމުގެ އޯޑިއަންސަށްވެސް ގެނެސްދިނުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދާ ފަޚުރެއް ކަމުގައެވެ.

ރޯހިތު ޝެޓީވަނީ މީގެކުރިންވެސް ފުލުސް ކެރެކްޓަރ ހިމަނައިގެން ތަފާތު އެކި މައުޟޫއުތަކަށް ފިލްމު އުފައްދާފައެވެ. އޭގެތެރޭގައި މަޝްހޫރު ފިލްމު "ސިންގްހަމް" ސީރީސް، އެކްޓަރު ރަންވީރް ސިންގް ފެނިގެންދިޔަ ފިލްމު "ސިމްބާ" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ސޫރްޔަވަންޝީ" ހިމެނެއެވެ.

މިއަހަރުގެ ފަހުކޮޅު ފިލްމު "ސިންގްހަމް" ގެ 3 ވަނަ ބައެއް ފެށުމަށް ތައްޔާރުވެފައި ވާއިރު ޕްރޮޑިއުސަރު ރޯހިތު ޝެޓީގެ ކުރިޔަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެކްޓަރު ރަންވީރް ސިންގް މުހިއްމު ރޯލްކުޅޭ ފިލްމު "ސަރކަސް" އެވެ.