2008 ވަނަ އަހަރު ރިލީޒްކުރެވުނު ފިލްމު "1920" ގެ ސީރީސްތަކަށް ލިބުނު ކާމިޔާބީއާއެކު އަހަރުތަކަކަށް މިފްރެންޗައިޒްގެ އާފިލްމެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެކްޓަރު ރަޖްނީޝް ޑުއްގަލްއާއި ބަތަލާ އަދާ ޝަރްމާ މެއިން ލީޑް ކުޅެފައިވާ ފިލްމު "1920" ވެގެން ދިޔައީ އިންޑިއާގެ ސިނަމާއަށް ބިރުވެރި ހާދިސާތައް ގެނެސްދިނުމުގެ ފެށުން ކަމުގައެވެ. އޭރުވެސް މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ ވިކްރަމް ބަޓްއެވެ.

މި ފްރެންޗައިޒްގެ އަޑު ކެނޑިފައި އޮންނަތާ ގަރުނެއް ފަހުން އަނެއްކާވެސް ޑައިރެކްޓަރު ވިކްރަމް ބަޓް މިވަނީ މިފްރެންޗައިޒްގެ އިތުރު ފިލްމެއް އުފައްދަން ގަސްދުކުރާކަމަށް ބުނެފައެވެ.

މިފަހަރު ގެނެސްދޭ ފިލްމުގެ ނަމަކީ، "1920: ހޮރޯސް އޮފް ދަ ހާޓް" އެވެ.

ޓީވީ ސިލްސިލާ "ބަލީކާ ވަދޫ" އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އަވީކާ ގޯރް މުހިއްމު ރޯލްއިން ފެންނަ މިފިލްމު ޑައިރެކްޓްކުރާނީ ވިކްރަމް ބަޓްގެ އަންހެން ދަރިފުޅު ކްރިޝްނާ ބަޓްއެވެ.

ވިކްރަމްގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިފަހަރު އޭނާ ފެނިގެންދާނީ ފިލްމުގެ ޕްރޮޑިއުސަރުގެ ގޮނޑިންނެވެ. އަދި ފިލްމުގެ ވާހަކަ ލިޔެ ތައްޔާރުކޮށްފައިވަނީ ކާމިޔާބު ޕްރޮޑިއުސަރު މަހޭޝް ބަޓްކަމަށްވެސް ވިކްރަމްވަނީ ބުނެފައެވެ.

"1920" އަކީ ފިލްމު ޑައިރެކްޝަނަށް ކެރިއަރ ބަދަލުކޮށްލަދިން ފިލްމުކަމަށް ބުނަމުން ވިކްރަމްގެ އަންހެން ދަރިފުޅު ކްރިޝްނާ ބަޓް ބުނެފައިވަނީ، އޭނާގެ މެންޓޯ މަހޭޝް ބަޓް އަދި ބައްޕަ ވިކްރަމްއާއެކު ފިލްމުގެ މަސައްކަތް ފެށުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިދަތުރުގައި ފިލްމީ ދާއިރާގެ ގިނަ ތަޖްރިބާތައް ލިބި ދަސްކުރުމުގެ ފުރުސަތު ލިބުމަކީ އެއަށްވުރެވެސް އުފާވާކަމެއްކަމަށް ކްރިޝްނާވަނީ ބުނެފައެވެ.

ފިލްމުގެ ލީޑް ބަތަލާ އަވިކާ ގޯރް މީގެކުރިން ފެނިފައިވަނީ ތެލުގޫ ފިލްމުތަކުންނެވެ. އޭގެ ފަހުންވެސް އޭނާވަނީ ޓީވީ ސިލްސިލާތައް ކުޅެފައެވެ. އޭގެތެރޭގައި 2017 ވަނަ އަހަރު ކަލާސް ޓީވީއިން ގެނެސްދިން "ލާޑޯ" ހިމެނެއެވެ. އޭނާގެ އަތުގައި މިހާރުވެސް ތެލުގޫ 2 ފިލްމު އެބައޮތެވެ. އަވީކާ އެންމެ ފަހުން ފެނިފައިވަނީ، ތެލުގޫ ފިލްމު "ބްރޯ" އަދި "ނެޓް" އިންނެވެ.