ކުށަށް އަރައިގަންނަ ބޮޑެތި މީހުންނަށް ގާނޫނު ތަންފީޒްކުރެވުނު ކަމުގައިވިޔަސް، ކުށްތަކަށް އަރައިގަންނަ ކުޑަކުދިންނާ މެދު އަމަލު ކުރަނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ.

އެހެންނަމަވެސް، ގާނޫނުން 18 އަހަރު ނުފުރޭ ކުދިންނަށް ހިމާޔަތް ދިނުމަކީ އޭގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގަންޖެހޭ ކަމެއް ބާވައެވެ؟ 18 އަހަރު ނުފުރުމަކީ ޖަރީމާއެއް ހިންގަން ލިބޭ "ގްރީން ކާޑެއް" ހެއްޔެވެ؟

އިއްޔެ މެންދުރު ފަހު ޖެންޑަރ މިނިސްޓްރީ ހުންނަ ބިއްލޫރިޖެހިގޭ އިމާރާތް ކައިރިން ފެނިގެން ދިޔައީ މިފަދަ މަންޒަރެކެވެ. އިއްޔެ މެންދުރު ފަހު 14:00 ހާއިރު 17 އަހަރުގެ އަންހެން ކުއްޖަކު ވަނީ މާލޭގައި ގިނަ އޮފީސްތަކެއް ހިންގަމުން ގެންދާ ބިއްލޫރި ޖެހިގޭގައި ޕާކު ކޮށްފައިހުރި ގިނަ ސައިކަލުތަކެއް ބިން މައްޗަށް ވައްޓާލައި އެއަށް ގެއްލުން ދީފައެވެ.

ކަން ހިނގައިދިޔަ ގޮތް ރަނގަޅަށް އެނގޭ މީހެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވީނިއުސް" އަށް ކިޔައިދިން ގޮތުގައި، އެ އަންހެންކުއްޖާގެ ފަސްމަހުގެ ދަރިއެއް ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކަމަށާއި، އެ އަންހެންކުއްޖާ އެޖަރީމާ ހިންގާފައިވަނީ ދަރިފުޅާ ބައްދަލުކުރުމަށްފަހު ގަދަކަމުން ދަރިފުޅު އެތަނުން ގެންދަން މަސައްކަތްކުރުމުން، ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް ހުރަސްއެޅުމުން ކަމަށެވެ.

މިނިސްޓްރީގެ މުވައްޒަފުން އެ އަންހެންކުއްޖާ ވަށާލައި، ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، ހުތުރު ބަހުން މުއާމަލާތްކޮށް ޖެންޑަރ މިނިސްޓްރީގެ 3 މުވައްޒަފެއްގެ މޫނުމަތީގައި ޖެހި ކަމަށާއި، އެ މުވައްޒަފުންގެ މޫނުމަތީގައި ވަކިއެޅިފައި ހުރިކަމަށް އޭނާ ވީނިއުސްއަށް ކަށަވަރުކޮށް ދިނެވެ.

ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުން ތިބީ އެކުއްޖާ ދިޔަ ނުދީ ވަށާލައިގެން. ދެން އެއްއަތުން ބޭބީ އުރައިގެން ހުރެގެން އަނެއް އަތުން އެ މީޙުން މޫނުމަތީ ޖެހީ. ޖެންޑަރ މީހުން ބުނި އެތެރެއަށް އަންނާށޭ ވާހަކަދައްކަންވެސް. އެކަމު އެކުއްޖާ ހަމަ ހަޅޭއްލަވައި އަޑުގަދަކުރީ. ދަމުން ދިޔައި މަގުމަތީ ހުރި މުސްކުޅި ބޭބެއެއް ގައިގަވެސް ޖަހާފަ.
ވީނިއުސްއަށް މައުލޫމާތު ދިން މީހާ

އެވަގުތު އެ އަންހެން ކުއްޖާއާއެކު އިތުރު 2 އަންހެން ކުއްޖަކު ހުރި ކަމަށާއި، އެއަންހެން ކުއްޖާ އޭނާގެ ރަހުމަތްތެރިން ކައިރި ބުނަމުން ދިޔައީ އެކުދިންވެސް މިނިސްޓްރީގެ މުވައްޒަފުން ގައިގައި ޖެހުމަށް ކަމަށް އޭނާ ބުންޏެވެ. އަދި، އެކުއްޖާއަށް 18 އަހަރު ނުފުރޭ ކަމަށާއި، ޖެހިޔަސް އެއްކަމެއްވެސް ނުވާނެ ކަމަށް އެކުއްޖާ އަޑުހަރުކޮށް ބުނަމުންގެންދިޔަ ކަމަށްވެއެވެ.

ޖެހިޔަސް އެއްވެސް ކަމެއް ނުވާނެ. 18 އަހަރު ނުފުރޭތީ ގާނޫނު އަހަރުން ހިމާޔަތް ކުރާނެ
ޖަރީމާ ހިންގި އަންހެން ކުއްޖާ

2 ގަޑިއިރެއް ހާއިރު، ތުއްތު ކުއްޖާ އުރައިގެން ހުރެ، އެކުއްޖާ ގެންދަން މަސައްކަތް ކުރުމަށް ފަހު އެކަން ކާމިޔާބު ނުވުމުން، މިނިސްޓްރީގެ ތެރެއަށް ވަނީވެސް މުވައްޒަފުންނާ ދިމާލަށް އަތްފައި އުކަމުންނެވެ. އެއަށްފަހު ބިއްލޫރިޖެހިގޭ ގޯތިތެރޭގައި ހުރި ސައިކަލުތަކަށް ގެއްލުންދީ، މިނިސްޓްރީގެ މުވައްޒަފުންނަށް މަރުގެ އިންޒާރު ދިންކަމަށް މައުލޫމާތުދިން މީހާ ބުންޏެވެ.

އެވަގުތު ސީންއަށް ފުލުހުން އައި ނަމަވެސް، ފުލުހުން އެއްވެސް ވަރަކަށް އެހީތެރިވެފައި ނުވާކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. އެވަގުތު މަގުމަތި ކޮންޓްރޯލް ކުރުމަށް ފުލުހުން ކޮންމެވެސް ވަރަކަށް މަސައްކަތްކުރި ކަމަށާއި، ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނަށް އަނިޔާ ކުރިއިރުވެސް ފުލުހުން ތިބީ ދުރުގައި މަންޒަރު ބަލަން ކަމަށްވެއެވެ.

މިފަދައިން ކަން ހިނގާ ދިޔަކަމުގައި ވީނަމަވެސް، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނުތަކުގެ ނާޖާއިޒް ފައިދާ ނެގުމަށް މަސައްކަތް ކުރުމުގެ ހިޔާލު އެކުދިންނަށް އައުމަކީވެސް ހިތާމަވެރި ކަމެކެވެ.