އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ އިޔާރަތެއް ކުރައްވައި އިޖުތިމާއީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން، އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި، ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ތެރޭގައި އިޖްތިމާއީގޮތުން ފޯރުކޮށްދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑްގެ ފަހުން ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ވާހަކަތަކާ ގުޅޭގޮތުން ފެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާއި ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ.އިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އެގޮތުން، ކާރިސާއެއް ދިމާވުމުން އެކަމުން އަރައިގަނެވޭނެ ފަދަ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމާއި، ހުރިހާ ފަރާތްތަކުން ގުޅިގެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ. ގެ އެކި އެޖެންސީތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދެފަރާތައް ވެސް މުހިންމުކަންކަމުގައި އެކުގައި މަސައްކަތް ކުރާނެކަމުގައި ވިދާޅުވެފައެވެ.