އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތްކުރަމުން ދިޔަ، ބިދޭސީ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން އޭނާގެ ބަންދު މުރާޖާކުރުމަށް އަންނަ އަންގާރަ ދުވަހަށް އަޑުއެހުމެއް ބާއްވަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ފިލިޕީންސަށް ނިސްބަތްވާ މޭރީގެ މަރުގެ މައްސަލައިގައި ލަމްހާއަށް ވަނީ ތިން ދައުވާއެއްކޮށްފައެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ލަމްހާ ބުނެފައި ވަނީ އޭނާގެ ޑިސްކް މައްސަލަ ހުންނަ ކަމަށާއި، ހައްޔަރުކުރުމުގެ ކުރިން އޭނާ އަކީ ބަރާބަރަށް ކަސްރަތުކޮށް ޑައިޓަށް ފޮލޯކޮށްގެން އުޅޭ މީހެއް ކަމަށެވެ.

ނަމަވެސް ޖަލަށް ދިޔަފަހުން އެކަންކަމަށް ފަރުވާތެރިކަން ނުބެހެއްޓޭ ކަމަށާއި އޭނާގެ އެއް ޑިސްކުގައި ރެނދެއްވެސް ލައިފައިވާ ކަމަށެވެ. އަދި އުޅެމުން ދަނީ ވަރަށް ތަކުލީފުގައި ކަމަށާއި ފާހާނާގައި އުޅޭއިރު ފެން ބާލިދީ އެއްޗެއްހި އުފުލަން ޖެހޭތީ އޭނާގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށް ވެސް ލަމްހާ ފާހަގަ ކުރިއެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ފާހާނާތެރެއަށް އޭނާ ކަހާލައިގެން ވެއްޓި، އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަދި ފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެއެވެ. ހުޅުމާލެ ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރު، ލަމްހާ ބެޑްރެސްޓް ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް އިރުޝާދު ދީފައި ވެއެވެ.

ލަމްހާގެ ފަރާތުން މި ކަންކަން ބަޔާންކުރުމުން، ޤާޟީ ނިންމެވީ، އަންނަ އަންގާރަ ދުވަހަށް، ބަންދާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލުކުރުމަށެވެ.