ޑްރަގް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

ހައި ކޯޓުން ބަންދުކުރަން އަމުރުކުރި ދެ މީހުންނަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން ކަމަށްވާ، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހުމަދު މޫސާއެވެ.

އެ ދެ މީހުން ދެ މަސް ދުވަހަށް ބަންދުން ދޫކޮށްލަން ކޯޓުން ނިންމީ ބޭސްފަރުވާގެ ކަންކަން ފަހިކޮށްދިނުމަށެވެ.

އެ މީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިމަހު ހަ ވަނަ ދުވަހުއެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ބުނީ، ބަންދުން ދޫކޮށްލަން ވާނީ ބޭސްފަރުވާ ދިނުމުގައި އިހުމާލުވެ އޭނާއަށް ބޮޑު ގެއްލުމެއް ނޫނީ ފުރާނައަށް ނުރައްކާ ވާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށެވެ.

ހައި ކޯޓުން މިގޮތަށް ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހަސަން ޝަފީއުއެވެ.