އުމުރުން 81 އަހަރުގެ އެޑްސަން އަރާންޓޭސް ޑޮ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ އަކީ ފުޓުބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި "ދަ ކިންގ" ނުވަތަ ރަސްގެފާނުގެ ގޮތުގައި ނިސްބަތްކުރެވޭ ޕެލޭ އަކީ އެތައް ޖީލެއްގެ ފުޓުބޯޅަ ސަޕޯޓަރުން އާޝޯހުކޮށްލި އެފަދަ ދެވަނައެއް ނުވާ އެތްލީޓެކެވެ. ޕެލޭގެ ރެކޯޑް ތަކަކީ އޭނާ އަކީ ފުޓުބޯޅައިގައި ކިހާ ވަރެއްގެ ނަމެއްކަން ސާބިތުކޮށްދޭނެ ހެއްކެކެވެ.

އުމުރުން 15 އަހަރުގައި ބްރެޒިލްގެ ސަންޓޯސް އިން ކެރިއަރު ފެށި ޕެލޭ ވަނީ އުމުރުން އެންމެ 16 އަހަރުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.

1953 ވަނަ އަހަރު ބައުރޫ އެތްލެޓިކް ކުލަބުން ޔޫތް ކެރިއަރު ފެށި ޕެލޭ ސަންޓޯސް އާއިއެކު ސީނިއަރ ކެރިއަރު ފެށީ 1956 ވަނަ އަހަރުގައެވެ. އެކުލަބާއެކު 18 އަހަރު ހޭދަކުރުމަށްފަހު އެއް އަހަރުގެ މެދުކެނޑުމެއް އައިސް، ދެން ޕެލޭ ކުޅުނީ އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އަށެވެ. އެކުލަބާއެކު ދެއަހަރު ހޭދަކުރުމަށްފަހު ދެން ޕެލޭ ރިޓަޔަރ ކުރީއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ ކުޅުނީ 1957 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރުގެ ނިޔަލަށެވެ.

މުގުރާލެވިފައި ނުވާ ޕެލޭގެ ބައެއް ރެކޯޑުތައް

ވޯލްޑް ކަޕުގައި ކުޅުނު އަދި ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ:

ޕެލޭ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް، ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގައި ކުޅެ އެމުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ.

ޕެލޭ ވޯލްޑް ކަޕުގައި ކުޅެފައިވަނީ އުމުރުން 17 އަހަރާއި 249 ދުވަހުގެ ތެރޭގައެވެ. ސްވިޑަންގައި 1958 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ބްރެޒިލް އިން ކާމިޔާބު ކުރިއިރު، ފައިނަލް މެޗުގައި ބްރެޒިލް އިން ސްވިޑަންގެ މައްޗަށް 2-5 އިން ކުރިހޯދާ މުބާރާތް ކާމިޔާބުކުރީ ޕެލޭގެ ދެ ލަނޑާވެސް އެކުގައެވެ. މިއީ ބްރެޒިލް އިން ކާމިޔާބުކުރި ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ:

ލަނޑުޖެހުމުގައި ފުޓުބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމުގައިވާ ޕެލޭ އަކީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ގާއިމް ކޮށްފައިވާ ކުޅުންތެރިޔާއެވެ. ފީފާ އިން ގަބޫލުކުރާ މެޗުތަކުގައި (92 މެޗު) ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 77 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިހާތަނަށް މި ރެކޯޑު އެހެން ކުޅުންތެރިޔަކަށް މުގުރާލެވިފައި ނުވާއިރު، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ރެކޯޑް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ. ބްރެޒިލްގެ މިހާރުގެ ސްކޮޑުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ނިސްބަތްކުރެވޭ ޕީއެސްޖީ އަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ނޭމާ ވަނީ މިހާތަނަށް 71 ލަނޑު ބްރެޒިލްގެ ގައުމީ ޓީމަށް ޖަހައިދީފައެވެ.

ފީފާ ވޯލްޑް ކަޕް މެޑަލް އެންމެ ގިނަ ފަހަރަށް ހޯދި ކުޅުންތެރިޔާގެ ރެކޯޑް:

ޕެލޭ ވަނީ ތިން ފަހަރެއްގެ މަތިން ބްރެޒިލް އާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ 1958 ވަނަ އަހަރާއި 1962 ވަނަ އަހަރުގެ އިތުރުން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މިއަދަދަށް ބްރެޒިލްގެ ވެސް އަދި އެހެން ގައުމެއްގެ ކުޅުންތެރިއަކަށްވެސް ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕުގައި އެންމެ ގިނަ އެސިސްޓް ކޮށްދިން ކުޅުންތެރިޔާގެ ރެކޯޑް:

"ގޯލް މެޝިން" އަކަށް ވުމުގެ އިތުރުން ޕެލޭ އަކީ ޕްލޭ މޭކަރެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވުނު ހުނަރުވެރިއެކެވެ. ފޯވަޑަކަށް ކުޅުމުގެ އިތުރުން ޕެލޭ ވަނީ އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައިވެސް ތަފާތު ދައްކާފައެވެ. ޖުމްލަ 4 ވޯލްޑް ކަޕެއްގައި ކުޅެ ތިން ފަހަރަށް މި މުބާރާތް ބްރެޒިލް އާއިއެކު ކާމިޔާބުކުރި ޕެލޭ ވަނީ ވޯލްޑް ކަޕުގައި ޖުމްލަ 10 އެސިސްޓު ކޮށްފައެވެ.

މުގުރާލަން ފަސޭހަ ނަމަވެސް މިހާތަނަށް މި ރެކޯޑް އެއްވެސް އެހެން ކުޅުންތެެރިއަކަށް މުގުރާލެވިފައި ނުވާއިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕެލޭ ވަނީ 6 އެސިސްޓް ކޮށްދީފައެވެ. މީގެތެރޭގައި މުބާރާތުގެ ފައިނަލް މެޗުގައި ކުރި ދެ އެސިސްޓުވެސް ހިމެނެއެވެ. މިއީވެސް އަދި ވަކި ރެކޯޑެކެވެ. މިހާތަނަށް އެއް ވޯލްޑް ކަޕެއްގައި އެއްވެސް ކުޅުންތެރިއަކަށް 6 އެސިސްޓް ކޮށްދެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް:

މިއަދާ ހަމައަށްވެސް ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތުގެ ތެރެއިން ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމް ކޮށްފައިވަނީ ޕެލޭއެވެ. އެގޮތުން މި ޝަރަު އޭނާ ހޯދީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި ވޭލްސް އާއި ދެކޮޅަށްކުޅެ 0-1 އިން ބްރެޒިލް މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ. އޭރު ޕެލޭގެ އުމުރަކީ 17 އަހަރެވެ.

ވޯލްޑް ކަޕުގައި ހެޓްރިކް ހެދި އެންމެ ހަގު ކުޅުންތެރިޔާ:

މި ރެކޯޑް ޕެލޭ ގާއިމްކުރީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-5 އިން ބްރެޒިލް މޮޅުވި މެޗުގައެވެ. މިއީ ޕެލޭގެ ފުރަތަމަ ހެޓްރިކްވެސް މެއެވެ. މިއާއެކު އޭނާ މި ރެކޯޑް ގާއިމްކުރީ އުމުރުން 17 އަހަރާއި 245 ދުވަހުން ހެޓްރިކް ހަދައިގެންނެވެ.

އެއް އަހަރުތެރޭ އެންމެ ގިނަ ލަނޑު ޖެހިި ކުޅުންތެރިޔާގެ ރެކޯޑް:

ޕެލޭ އަކީ ފުޓުބޯޅަ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އެގޮތުން 1959 ވަނަ އަހަރުގައި ޕެލޭ ވަނީ 127 ލަނޑު ސަންޓޯސް އަށް ކާމިޔާބު ކޮށްދީފައެވެ. ޕެލޭގެ ފަހަތުން އެއް އަހަރު ތެރޭ ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ މިހާތަނަށް 7 ފަހަރަށް ބެލަންޑޯ އެވޯޑް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ.

އުމުރުން 37 އަހަރުގައި ޕެލޭ ފުޓުބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ވަނީ ސީނިއަރ ލެވެލްގައި ފުޓުބޯޅައިގައި 21 އަހަރުގެ ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައެވެ.