ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ ރައްޔިތުން ވޯޓްލައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާފައިވަނީ ފަރަންސޭސި މިހާރުގެ ރައީސް، އުމުރުފުޅުން 44 އަހަރުގެ އިމެނުއެލް މެކޯންއާއި، ދުރު-ކަނާތުފިޔައިގެ ނޭޝަނަލް ރެލީ ޕާޓީގެ ލީޑަރ، އުމުރުފުޅުން 53 އަހަރުގެ މާރިން ލެޕެންއެވެ.
ރަސްމީ ނަތީޖާ ވަގުތުން ހާމަ ނުކުރި ނަމަވެސް، ވޯޓްލައި ނިމުމާއެކު އިންތިޚާބު ވަގުތީ ނަތީޖާތައް މީޑިއާއިން މިހާރުވަނީ ހާމަކުރަން ފަށަފައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން، 58 އިންސައްތަ ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުވެސް ރައީސް އިމެނުއެލް މެކޯންއެވެ. އިދިކޮޅު ލީޑަރު މާރިން ލެޕެންއަށް ލިބިވަޑައިގެންނެވީ 42 އިންސައްތަ ވޯޓެވެ.
މިނަތީޖާއާއެކު ދުނިޔޭގެ ބައެއް ލީޑަރުން މެކޯންއަށް މަރްހަބާ ވިދާޅުވާން ފަށްޓަވާފައި ވެއެވެ.
ދެވަނަ ބުރުގެ ވޯޓުގެ ކުރިން ނެގުނު ހުރިހާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ތަފާތުބޮޑު ނަތީޖާތަކުން ދައްކާފައިވަނީ، މިހާރުގެ ރައީސް މެކޯން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިމެނުއެލް މެކޯންއަށް ލިބިވަޑައިގެންނެވި ވޯޓު މަދުވީ ރައީސް މެކޯންގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ރައްޔިތުން ރުޅިއައިސް، ހިތްމަނުޖެހިފައި ތިބުމުންނެވެ.
އަނެއްކޮޅުން، ދުރު-ކަނާތުފިޔައިގެ ލީޑަރ މާރިން ލެޕެންއަކީ ފަރަންސޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގައި އޮތުމަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ފަރަންސޭސިވިލާތް އީޔޫއިން ބޭރުކޮށް ފަރަންސޭސިވިލާތުގެ ރައްޔިތުން "މިނިވަން ކުރުމަށް" މަސައްކަތް ކުރައްވާ ލީޑަރެކެވެ. މިއީ، ފަރަންސޭސި ގިނަ ރައްޔިތުން ބޭނުންވާ ކަމެއް ނޫނެވެ.
އަނެއްކޮޅުން، މާރީން ލެޕެންއަކީ މުސްލިމުންނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާއަކީ، ފަރަންސޭސި އާންމު ތަންތަނުގައި މުސްލިމު އަންހެނުން ބުރުގާ އަޅައިގެން އުޅުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެކަން މަނާކުރުމަށް އޭނާގެ ޕާޓީން ކެމްޕެއިން ކުރަމުން ގެންދިޔައެވެ. މިއީ މެކޯން ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދެވި ކަމެކެވެ.
އެހެން ގައުމުތަކުން ފަރަންސޭސިވިލާތަށް މީހުން ހިޖުރަކުރުމަކީވެސް ލެޕެން ވަރަށް ދެކޮޅު ކަމެކެވެ.
ފަރަންސޭސިވިލާތަކީ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މުސްލިމުން ދިރިއުޅޭ ގައުމެވެ. އެގައުމުގެ މުޅި އާބާދީގައި ދެވަނައަށް އެންމެ ގިނައީވެސް މުސްލިމުންނެވެ. އެއީ، ހިޖުރަވެރިންގެ ސަބަބުންނެވެ.
އެހެން ނަމަވެސް، މުސްލިމުންނާމެދު މާރިން ލެޕެންއާއި، އޭނާގެ ޕާޓީން ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ދޫކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް ބަސްމަގު ބަދަލުކޮށްފައި ވެއެވެ. އެހެން ނަމަވެސް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އަދި ޚިޔާލު ހޯދުމުގެ ވޯޓުތަކުންވެސް މާރިންއަށް މާބޮޑު ތަފާތުތަކެއް ނުދެއްކުނެވެ.
މާރިން ލެޕެންގެ ކެމްޕެއިންގައި މައިގަނޑުގޮތެއްގައި އަމާޒުކުރެއްވި މައްސަލައަކީ ފަރަންސޭސިވިލާގައި ދިރިއުޅުމުގެ އަގުތައް ބޮޑުވަމުންދާ މައްސަލައެވެ. ރައީސް މެކޯންގެ ބައެއް ސިޔާސަތަކެވެ.
ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ވަނީ، ފަރަންސޭސި ރިޔާސަތަށް ލެޕެން އިންތިޚާބު ކޮށްފިނަމަ ފަރަންސޭސިވިލާތުގައި "ދާޚިލީ ހަނގުރާމައެއް" ފެށިގެން ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ފަރަންސޭސި ތާރީޚްގައިވެސް އެގައުމުގެ ރައީސްކަން ކުރައްވާ އެންމެ ޒުވާން ލީޑަރުގެގޮތުން އިމެނުއެލް މެކޯން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީވެސް 2017 ވަނަ އަހަރު މާރިން ލެޕެންއާ ވާދަކުރައްވައެވެ. އެފަހަރުވެސް ރިޔާސީ އިންތިޚާބު ނިމުނީ ދެވަނަ ބުރަކަށް ގޮސްގެންނެވެ.
އިމެނުއެލް މެކޯން މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން ވެގެންދާނީ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފަރަންސޭސި ރައީސްކަން ދެވަނަ ދައުރަކަށް ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސަށެވެ.