ޒަމާނީ އޮއިވަރުގެ ސަބަބުން އަހްލާގަށް ނުރަނގަޅު އަސަރު ކުރާކަަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ގާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި، "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" މި މައުޟޫއަށް ތަގްރީރު ކުރައްވަމުންނެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވީ ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެއް ކަމަށާއި ދުނިޔޭގައި ކޮންމެ ބިތެއްގައި ހިނގާ ކޮންމެ ކަމެއްވެސް ދުނިޔޭގެ ކޮންމެ ބިތަކަށްވެސް ފޯރާ ކަމަށެވެ.

އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ގައުމެއް ކަމުގައިވިޔަސް ތަފާތު އެކި އަސަރުތައް އަޅުގަނޑުމެންނަށްވެސް އަންނާނެ ކަމަށާއި ޒަމާނާ އެކުވެގެން އަންނަ ރަނގަޅު ކަންތައްވެސް ހުންނަ ކަމަށެވެ.

ޒަމާނުގެ އޮއިވަރުގެ ތެރެއިން ފިކުރުތަކަށް އަސަރު ކުރާކަމަށާއި ހަމަ އެހެންމެ މިއޮއިވަރުގެ ތެރެއިން އަހްލާގަށްވެސް ވަރަށް ނޭދެވޭ އަސަރު ކުރާކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ފެށިގެން ޝައިޠާނާ އޭނައަށް ތެދުމަގު ނުލިބި އޭނާ ﷲ ގެ ރަހަމަތުން ބޭރު ކުރި ހިސާބުން އޭނާ މަސައްކަތް ފެށީ އިންސާނުން މަގުފުރެއްދުމަށް. އެހެންވެގެން އެނާގެ މަސްއްކަތް ގިޔާމަތާ ހަމައަށް ކުރަމުންދާނެ.
ޑރ. އަލީ ޒާހިރު ބިން ސައިދު ގާސިމް

ހަމަ އެހެންމެ ޝައިތާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުންވެސް މީސްތަކުންގެ ތެރޭގައި އުޅޭކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން އޭގެ ތެރޭގައި ފިކުރު ތަޣައްޔަރުކޮށްލާފަދަ ކަންކަން ހިމެނޭ ކަމަށާއި ދީނީ ހުދޫދުން ނެއްޓިގެން މިނިވަންވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޒާހިރު އަލީ ވިދާޅުވީ އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވެ އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެދެފިމީހެއްގެ ކިބައިން ހަމަ ކަށަވަރުން ގަބޫލު ނުކުރޭނެ ކަމަށެވެ.

އިސްލާމީ މުޖުތަމައުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި އެއްގޮތްކަން ފާހަގަކުރައްވައި އެފަދަ މީހުންނާއި ތަބާވާނެކަމަށް ރަސޫލާ ﷺ އިންޒާރު ދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މުޖުތަމަޢަށް ބައްލަވާލައްވަމުން އައުރަ ނިވާވުމުގައި އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މީގެ ތެރޭގައި އަންހެނުންނާއި ފިރހެނުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާކަން ފާހަގަކުރައްވައި މިކަން މިގޮތަށް ނުކުރުމަށް ޑރ. އަލީ ޒާހިރުވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.