ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަހްސު އޮޅުވާލައިގެން އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން އަންނަކަން ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ބޭންކަށް ލިބިފައިވާ ކަމަށެވެ.

މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަ ދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެެވެ.

މީގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންގައާ ގުޅޭ މައުލޫމާތު ހޯދައި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓުން މުއާމަލާތް ކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ވަނީ ބީއެމްއެލްއަށް ހުށަހަޅާފައި ވެއެވެ.

ބިއެމްއެލްއިން ބުނީ މިފަދަ ހާލަތްތަކުގައި އޯ.ޓީ.ޕީ ހިއްސާކޮށްފައި ވާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ވެސް ބީއެމްއެލް އިން ވަނީ އެދިފައެވެ.

އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯ.ޓީ.ޕީ ހިއްސާ ނުކުރުމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ.

އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާ މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެއެވެ.

އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.