ރާއްޖޭގެ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް ހަމަޖައްސައިފިނަމަ ތަރައްގީ ހަލުއިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވުމުން، ދިވެހިބަހުގެ އުސްތާޛް އަދި ދިވެހިބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އެކަމަށް ރައްދު ދެއްވައިފިއެވެ.

މެމްބަރު އިކްރާމަށް ރައްދު ދެއްވައި އަޝްރަފް ވިދާޅުވީ އަމިއްލަވަންތަކަން ނަގައިލައި ހޯދޭނެ ކުރިއެރުމެއް ނެތް ކަމަށެވެ.

އަޝްރަފް ވިދާޅުވީ ދިވެހިރާއްޖޭގެ ރަސްމީ ބަހަކީވެސް އަދި ޤައުމީ ބަހަކީވެސް ދިވެހިބަސް ކަމަށާއި ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒު ކަމަށެވެ. އަދި އެއީ ދިވެހީންގެ ސުލްހަޔާއި އެއްބައިވަންތަކަމުގެ އަސްލުކަން ފާހަގަކުރައްވައި ވިދާޅުވީ ދިވެހި ގައުމު ކުރިއަރާންވާނީ ދިވެހިބަހާ އެކުގައި ކަމަށެވެ.

އިކްރާމަކީ ދިވެހިބަހުގެ ކުރިއެރުމަށްޓަކައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ބަސްފުޅު ވިދާޅުވެ ތަންފީޒުކުރެއްވޭނޭ ހައިސިއްޔަތު ލިބިވަޑައިގަތުމުން ދައްކަވާ ވާހަކަފުޅު މުޅީން ތަފާތުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

"މިއީ ދިވެހިބަސް ދަމަހައްޓަވާން ބާރު އަޅުއްވަން އިކްރާމަށް ﷲ ދެއްވި ފުރުސަތަކަށް ވެސް ވެދާނެ. ވަގުތު އަބަދަކު ދެމިއެއް ނޯވޭ. ތިމާގެ އަމިއްލަވަންތަކަން ނަގައިލައި ހޯދޭނެ ކުރިއެރުމަކީ ކޮބައިތޯ ހަގީގީ ހިތްޕުޅަކުން މިފަދަ ބޭފުޅުން ވިސްނައިވަޑައިގަންނަވަން ޖެހޭ. ފަހަރުގައި އިކްރާމް ވިދާޅުވެފައި މިވާ ފަދައިން ވެއްޖެ ނަމަ ވެދާނެ ގޮތަކާ މެދު އިކްރާމް ވިސްނައިވަޑައިގެންނެވިބާ؟"
އުސްތާޒް އަޝްރަފް އަލީ

ގައުމެއްގެ ނިސްބަތުގައި އެތަނެއްގެ އަމިއްލަބަހާއި އަކުރަކީ ކިހައިވަރެއްގެ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކަށް އިކްރާމް ވެވަޑައިގަންނަވާ ހިނދު، މިފަދަ ވާހަަކަފުޅު ދެއްކެވީމާ އެޖެއްސެވެނީ ގައުމީ ހިތުގައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މި ގައުމު ދެމިއޮތްހައި ހިނދަކު މި ގައުމުގެ ރަސްމީ ބަހަކަށްވެސް އަދި ޤައުމީ ބަހަކަށްވެސް ވާނީ ހަމަ ދިވެހިބަސް ކަމަށެވެ.