މިއަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ފިލްމު "ކަބީ ޢީދު، ކަބީ ދިވާލީ" އިން އެކްޓަރު ޝްރެޔަސް ތަލްޕަޅޭ ފެނުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކޮމެޑީ ރޯލްތަކުން ގިނައިން ފެންނަ އެކްޓަރު ޝްރެޔަސްއަށް މިފިލްމްއިން ރޯލްއެއް ލިބުނުކަމަށް މީޑިއާ ރިޕޯޓުތައް ކުރިން ބުނެފައިވަނީ އެންމެ ފުރަތަމަ ފިލްމުގައި އޭނާ ކުޅޭ ރޯލަށް ހަމަޖެއްސި އެކްޓަރު އެރޯލަށް އެއްބަސް ނުވުމުންނެވެ.
ފުރަތަމަ މިފިލްމުން ފުރުސަތު ލިބިފައިވަނީ "އަންތިމް" އިން މޮޅު އެކްޝަން ސީންތަކުން ފެނިގެންދިޔަ އެކްޓަރު އާޔުޝްމާން ޝަރްމާއަށެވެ.
ފިލްމަށް އޭރު އޭނާ އެއްބަސްވެފައި ނުވަނީ މިފިލްމުގައި ކުޅެން ހަޖަހެފައިވާ ރޯލްގެ ކުޑަކަމުންނާއި، އޭނާގެ ފޯކަސް މިވަގުތު ހުރީ ދިގު ރޯލްތަކަކަށް ކަމަށްވާތީއެވެ.
އެހެންނަމަވެސް ފިލްމު "ކަބީ ޢީދު، ކަބީ ދިވާލީ" ޕްރޮޑިއުސްކުރުމަށް އެކްޓަރު ސަލްމާން ޚާންއާއި ހަވާލުވުމާއެކު ފިލްމުގެ ކާސްޓިންގްއަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އެކްޓަރު ޝްރެޔަސް އާއެކު އެކްޓަރު އަރްޝަދު ވަރްސީއަށް ކުޅެން ހަމަޖެހުނު ރޯލަށްވެސްވަނީ އެހެން ތަރިއަކު ހަމަޖައްސާފައެވެ. އެއީ 2019 ވަނަ އަހަރު ފިލްމު "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު ޒަހީރު އިގްބާލްއެވެ.
ފަރްހާދް ސަމްޖީ ފިލްމްސްއިން ގެނެސްދޭ "ކަބީ ޢީދު، ކަބީ ދިވާލީ" ގައި މިތަރިންގެ އިތުރުން ދެން ފެނިގެންދާނީ އެކްޓަރު ސަލްމާން ޚާން އަދި ބަތަލާ ޕޫޖާ ހޭޖްއެވެ.
މީގެކުރިންވެސް އެކްޓަރު އާޔުޝް ޝަރްމާވަނީ ސަލްމާން ޚާންއާއެކު ފިލްމު "އަންތިންމް" އިން ފެނިގެން ގޮސްފައެވެ. ފިލްމު "އަންތިންމް" ގައި 2 ތަރިންގެ ބޮޑު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު މިފަހަރުގެ ފިލްމުގައި އާޔުޝް ފެނިގެންދާނީ ސަލްމާންގެ ކޮއްކޮގެ ރޯލުންނެވެ.
މީގެއިތުރުން ފިލްމުގެ ހާއްސަ ރޯލްއަކުން ސައުތު އެކްޓަރު ވެންކަޓޭޝްވެސް ފެނިގެންދާނެއެވެ.
ޚަބަރު ލިބޭ ގޮތުގައި މިފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުއެވެ.