ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހޮރޯ ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ" ގެ 2 ވަނަ ބައި އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "ބޫލް ބުލައްޔާ 2" ގެ މި ޚަބަރާއެކު މިފިލްމުގެ އާ ޓީޒާއެއްވެސްވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ފިލްމަށް ބޮޑު ޑިލޭއެއް އައިނަމަވެސް ދެން ފިލްމަށް މާބޮޑު އިންތިޒާރެއްކުރާކަށް ނުޖެހޭނެއެވެ.
އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބޫޝަން ކުމާރް ޕްރޮޑިއުސްކުރާ މިފިލްމުން ފެނިގެންދާނީ އެކްޓަރު ކާތިކް އަރްޔަންއާއި ބަތަލާ ކިއާރާ އަދްވާނީ އަދި ބަތަލާ ތައްބޫއެވެ. މީގެއިތުރުން ސަންޖޭ މިޝްރާ އާއި ޓީވީ އެކްޓަރު އަމަރު އުޕަދޭ އާއި މިލިންދު ގުނާޖީ އަދި ކުރީގެ ފިލްމުގެ ރޯލެއް ކުޅުނު ރާޖްޕަލް ޔާދަވްވެސް މިފަހަރުގެ ފިލްމުން ފެނިގެންދާނެއެވެ.
2007 ވަނަ އަހަރު ނެރުނު މީގެ ފުރަތަމަ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ބަތަލާ ވިދްޔާ ބާލަންއާއި އެކްޓަރު އަކްޝޭ ކުމާރުއެވެ.
މިފަހަރުގެ ފިލްމުގެ ސްޓޯރީ ތަފާތުވެފައި ކުރީގެ ފިލްމުން ފެނިގެންދިޔަ އެއްވެސް ތަރިއަކު މިފަހަރުގެ ފިލްމުން ނުފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
2011 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި އެކްޓަރު ކާތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރި ފިލްމު "ދަމާކާ" އިންނެވެ.
"ބޫލް ބުލައްޔާ2" ގެ އިތުރުން އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ "ފްރެޑީ" ނަމަކަށް ކިޔާ ފިލްމަކާއި ބޫޝަން ކުމާރް ޕްރޮޑިއުސްކުރާ "ޝެހެޒާދާ" ނަމަކަށް ކިޔާ ފިލްމެއްގައެވެ. މީގެތެރެއިން ފިލްމު "ފްރެޑީ" ގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެތެރެއިން ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އަކީ ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ ކާމިޔާބު ރީތި ފިލްމެކެވެ.