މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތީ އެންމެ ވާދަވެރިކަން ބޮޑުވާނެ މެޗުތަކެވެ. އެތައް މަސްދުވަހެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ފެންނާނެ މެޗުތަކެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކާއި ރައުންޑް އޮފް 16ގެ މެޗުތަކަށްފަހު ކުއާޓަރ ފައިނަލް މެޗުތަކުންވެސް ކުރި ހޯދި ހަތަރު ޓީމަށް، ކުރިއަށް އޮތީ މުބާރާތުގެ ތަށި އުފުލާލުމަށް ފަހު ފިޔަވަޅު އަޅާނެ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކެވެ.
މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ ހަތަރު ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއި، މެންޗަސްޓަރ ސިޓީގެ އިތުރުން ލިވަޕޫލާއި ވިޔަރެއާލެވެ.
މިބުރުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ މެޗަކީ އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި މެންޗަސްޓަރ ސިޓީގެ ކުރިމަތިލުން ފެނިގެންދާނެ ސެމީ ފައިނަލުގެ ފުރަތަމަ މެޗެވެ.
ފުރަތަމަ ލެގުގައި މި ދެޓީމު ކުޅޭނީ ސިޓީގެ ދަނޑުގައެވެ.
ސެމީ އަށް ދެޓީމު ދަތުރުކުރީ ކިހިނެއް؟
ރެއާލް މެޑްރިޑް:
މުބާރާތުގެ ސެމީ ފައިނަލަށް ވަރުގަދަ ރެއާލް މެޑްރިޑް ދަތުރުކުރި ގޮތަށް ބަލާލާއިރު، ގްރޫޕް ސްޓޭޖުގައި އެޓީމުން ވަނީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ މަގާމު ހޯދާފައެވެ. ރެއާލް އާއިއެކު ދެން ގްރޫޕް ޑީގައި ހިމެނެނީ އިންޓަރ މިލާނާއި އެފްސީ ޝެރިފްގެ އިތުރުން ޝަޚްތަރު ޑޮނެޓްސްކް އެވެ. މި ގުރޫޕުގެ އެއްވަނަ ރެއާލުން ހޯދީ ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުކޮށް ޖުމްލަ 15 ޕޮއިންޓާއެކުއެވެ.
ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަހޯދިއިރު، ދެވަނަ ބުރުގައި ރެއާލް ކުޅެން ޖެހުނީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ދެކޮޅަށެވެ. މިބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ވަނީ ފަހުވަގުތު ލަނޑެއްޖަހާ 0-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި ރެއާޅް އިންވަނީ ބެންޒެމާގެ ތިން ލަނޑާއެކު 1-3 އިން ޕީއެސްޖީ ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
ކުއާޓަރ ފައިނަލުގައި ރެއާލް ކުޅެންޖެހުނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ދެކޮޅަށެވެ. ފުރަތަމަ ލެގުގައި ރެއާލް އިން ވަނީ ޗެލްސީގެ ދަނޑުގައި އެޓީމުގެ މައްޗަށް 1-3 އިން ކުރިހޯދާފައެވެ. އަދި ދެވަނަ ލެގުގައި ޗެލްސީއަށް 2-3 އިން ރެއާލް ބަލިކުރެވުނު ނަމަވެސް، ރެއާލް ސެމީގެ ޖާހަ ކަށަވަރުކުރީ 4-5 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.
މެންޗަސްޓަރ ސިޓީ:
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސިޓީ ހިމެނުނީ ގްރޫޕް އޭގައެވެ. ސިޓީ އާއި ޕީއެސްޖީގެ އިތުރުން ލެއިޕްޒިގާއި ކްލަބް ބްރޫޖް ހިމެނޭ މި ގުރޫޕުގެ އެއްވަނަ ހޯދީ ސިޓީންނެވެ. އެޓީމުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16ގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު 6 މެޗުން 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓާއި އެކުގައެވެ.
ރައުންޑް އޮފް 16 ގައި ސިޓީ އިން ކުރިމަތިލީ ސްޕޯޓިންގ އާއިއެވެ. ފުރަތަމަ ލެގުގައި ސިޓީން ވަނީ ސްޕޯޓިންގެ މައްޗަށް 0-5 އިން ކުރިހޯދާފައެވެ. މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދިޔަ ދެވަނަ ލެގު 0-0 އިން އެއްވަރުވުމުން ސިޓީ އަށް ކުއާޓަރގެ ޖާގައެއް ލިބުނީ އެގްރިގޭޓުން ކުރި ލިބޭތީއެވެ.
ކުއާޓަރ ފައިނަލުގައި ސިޓީން ކުރިމަތިލާން ޖެހުނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑާއެވެ. މި ދެޓީމުގެ ފުރަތަމަ ލެގުގައި ސިޓީން ވަނީ 0-1 އިން އެތްލެޓިކޯ ބަލިކޮށްފައެވެ. އަދި ދެވަނަ ލެގުގައި މި ދެޓީމުގެ ކުރިމަތިލުންވީ އެއްވަރެވެ. ސިޓީ ސެމީގެ ޖާގައެއް ހޯދީ ފުރަތަމަ ލެގުގައި ޖެހި ލަނޑާއެކު އެގްރިގޭޓުން ކުރި ލިބިގެންނެވެ.
ހެޑް-ޓު-ހެޑް:
ޗެމްޕިއަންސް ލީގުގައި މި ދެޓީމު ވަނީ މީގެކުރިން ޖުމްލަ 6 ފަހަރަށް ބައްދަލުކޮށްފައެވެ. މީގެތެރެއިން ދެ މެޗު އެއްވަރުވިއިރު ކޮންމެ ޓީމެއްވެސް ވަނީ ދެ މެޗު ކާމިޔާބު ކޮށްފައެވެ.
އެގޮތުން މުބާރާތުގައި މި ދެޓީމު އެންމެފުރަތަމަ ކުރިމަތިލީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެމެޗު 2-3 އިން ކާމިޔާބު ކުރީ ރެއާލް މެޑްރިޑުންނެވެ. ދެން މިދެޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީވެސް ހަމަ އެފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުވީ 1-1 އިން އެއްވަރެވެ.
ތިންވަނަ ފަހަރަކަށް މި ދެޓީމު ކުރިމަތިލާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުއެވެ. އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެޓީމު ކުޅުނު މެޗު އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެންނަމަވެސް އެއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް އިންވަނީ 0-1 ގެ ނަތީޖާއަކުން އަނެއްކާވެސް ސިޓީ ބަލިކޮށްފައެވެ.
އޭގެފަހުން 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި މި ދެޓީމު ކުރިމަތިލާން ޖެހުނުއިރު މި ބުރުގެ ދެ ލެގުގައިވެސް ކުރިހޯދީ މެންޗަސްޓަރ ސިޓީ އިންނެވެ. އެގޮތުން ދެ ލެގުގައިވެސް ސިޓީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
އެންމެފަހުން މި ދެޓީމު ކުރިމަތިލި މެޗުތަކުން ސިޓީ ކާމިޔާބު ހޯދާފައިވުން މިއީ މި މެޗާއި ކުރިމަތިލާއިރު ސިޓީއަށް ލިބޭނެ ބޮޑު ކޮންފިޑެންސް ބޫސްޓެކެވެ. 2020 ވަނަ އަހަރުގެ މެޗުތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ނޮކްއައުޓް ސްޓޭޖުގައި ރެއާލް ކަޓުވާލެވުން މިއީ މުބާރާތް ކާމިޔާބު ކުރުމަށްޓަކައި ލިބޭނެ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެންމެންނަށްވެސް ރެއާލް މެޑްރިޑަކީ ކިހާ ވަރެއްގެ ކުލަބެއްކަން އެނގޭނެ ކަމަށާއި، ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެއް ފަހަތަށް ޖައްސާލުން އެއީ މިފަދަ މުބާރާތެއްގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ގާޑިއޯލާ އޭރު ބުންޏެވެ.
ދެ ޓީމުން ބޭނުންކުރާނެ ކަމަށް ބެލެވޭ ފުރަތަމަ 11:
ރެއާލް މެޑްރިޑް:
ކީޕަރު: ތިބޮއު ކޯޓުއާ
ޑިފެންޑަރުން: ޑެނީ ކާވަހާލް، އެޑާ މިލިޓާއޮ، ޑޭވިޑް އަލާބާ، ފާލަންޑް މެންޑީ.
މިޑްފީލްޑަރުން: ލޫކާ މޮޑްރިޗް، ކަސެމީރޯ، ޓޮނީ ކްރޫސް، ފެޑެރީކޯ ވަލްވަޑްރޭ
ފޯވާޑުން: ކަރިމް ބެންޒެމާ، ވިނީޝިއުސް ޖޫނިއަރ
ނުކުޅޭނެކަން ކަށަވަރު ކުޅުންތެރިން: އެޑެން ހަޒާޑް، މަރިއާނޯ، ޖޮވިޗް
މިއީ ރެއާލް މެޑްރިޑުން މެޗަށް ނެރޭނެ ފުރަތަމަ 11 ކަމަށް ޔޫއެފާގެ ރަސްމީ ވެބްސައިޓުގައި ޕްރިޑިކްޓް ކުރާ ކުޅުންތެރިން ކަމުގައިވީނަމަވެސް، މި ލިސްޓަށް ބަދަލުއައުމުގެ ފުރުސަތު ބޮޑެވެ.
ސަބަބަކީ ޑިފެންޑަރު ޑޭވިޑް އަލާބާ އާއި މިޑްފީލްޑަރު ކަސެމީރޯ އެއްކޮށް ފިޓު ނުވުމެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރެއާޅްގެ ކޯޗު އެންޗެލޮޓީ ވަނީ އެކަން ފާހަގަކޮށްފައެވެ. އެންޗެލޮޓީ ބުނީ، މެޗުގައި ކަސެމީރޯ ފެނުމުގެ ފުރުސަތު ކުޑަކަމަށާއި އެހެންނަމަވެސް މެޗުގައި އޭނާ ބޭނުންކުރެވިދާނެތޯ ބަލަމުންދާ ކަމަށެވެ. އަދި ކަސެމީރޯ އަށްވުރެ މެޗުގައި އަލާބާ ކުޅުމުގެ ފުރުސަތު ބޮޑުކަން އެންޗެލޮޓީ ހާމަކުރިއެވެ. މީގެއިތުރުން މި މެޗުގެ ފުރަތަމަ 11 އިން ރޮޑްރިގޯ އާއި ކަމަވިންގާ ފެނުމުގެ ފުރުސަތު ބޮޑުކަން އެންޗެލޮޓީ ހާމަކުރިއެވެ.
މެންޗަސްޓަރ ސިޓީ:
ކީޕަރު: އެޑާސަން
ޑިފެންޑަރުން: ކައިލް ވޯކަރ، ރުބެން ޑިއާޒް، އައިމެރިކް ލަޕޯޓް، ޒިންޗެންކޯ
މިޑްފީލްޑަރުން: ކެވިން ޑިބްރުއިނާ، ރޮޑްރީ، ބާނާޑޯ ސިލްވާ
ފޯވާޑުން: ރިޔާދް މަހްރޭޒް، ފިލް ފޯޑެން، ރަހީމް ސްޓާލިންގ
ނުކުޅޭނެކަން ކަށަވަރު ކުޅުންތެރިން: ޖޮއާއޮ ކެންސެލޯ
ކުޅުމާއިމެދު ސުވާލު އުފެދިފައިވާ ކުޅުންތެރިން: ވޯކަރ، ސްޓޯންސް
އެންމެފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާ:
ރެއާލް މެޑްރިޑް:
- ރެއާލް މެޑްރިޑް 3-1 އޮސަސޫނާ
- ރެއާލް މެޑްރިޑް 3-2 ސެވިއާ
- ރެއާލް މެޑްރިޑް 2-3 ޗެލްސީ
- ރެއާލް މެޑްރިޑް 2-0 ގެޓާފޭ
- ރެއާލް މެޑްރިޑް 3-1 ޗެލްސީ
މެންޗަސްޓަރ ސިޓީ:
- ސިޓީ 5-1 ވަޓްފޯޑް
- ސިޓީ 3-0 ބްރައިޓަން
- ސިޓީ 2-3 ލިވަޕޫލް (އެފްއޭ ކަޕް ސެމީ ފައިނަލް)
- ސިޓީ 0-0 އެތްލެޓިކޯ މެޑްރިޑް
- ސިޓީ 2-2 ލިވަޕޫލް (ޕްރިމިއަރ ލީގް)
މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދާނެ ސެމީގެ ދެމެޗުވެސް ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވޭއިރު، ފުރަތަމަ ލެގު ކުޅޭނީ ސިޓީގެ އެތިހާދް ސްޓޭޑިއަމުގައެވެ. މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ރެއާލްގެ ކޯޗު ބުނީ، ފުރަތަމަ ލެގާއި ކުރިމަތިލާއިރު އަނިޔާގެ ސަބަބުން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ފުރަތަމަ ލެގުގައި ނަތީޖާނެރުން ވާނީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ރެއާލްގެ ހަގީގީ ފެންވަރު ދެވަނަ ލެގުގައި ފެނިގެންދާނެ ކަމަށާއި، ފުރަތަމަ ލެގުގައި ނުކުންނަ ނަތީޖާ އެއްގެ ސަބަބުން ފުރައްސާރަ ނުކުރުމަށް އެންޗެލޮޓީ އެދިފައިވެއެވެ.
މި މެޗާ ގުޅޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯ ބުނީ، މާޒީގައި ނުކުމެފައިވާ ނަތީޖާތަކަށް ބަލައިގެން މިމެޗުން މޮޅު ނުވެވޭނެ ކަމަށެވެ. މިހާރު ވިސްނަން ޖެހޭނީ ރެއާލްގެ މިހާރުގެ ކުޅުމާއި ދޭތެރޭ ކަމަށާއި، މާޒީ އަށް ބަލާނަމަ، ރެއާލް އަށް މިމެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ރެއާލުން 13 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކަމާއި، އަދި ސިޓީ އަށް އެންމެ ފަހަރަކުވެސް މުބާރާތް ކާމިޔާބު ނުކުރެވޭކަން ގާޑިއޯލާ ފާހަގަކުރިއެވެ. އެހެންކަމުން މި މެޗުގައި ސިޓީ އަށް މޮޅުވުމުގެ ފުރުސަތެއް އޮތީ، މޮޅަށްކުޅެ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިންވެސް ތަފާތު ދައްކައިގެންކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ސިޓީ އާއި ރެއާލްގެ ކުރިމަތިލުން ފެނިގެންދާ ފުރަތަމަ ލެގު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.