ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ، ގައުމީ ޓީމަށް ކުޅުނު ހުއްޓާލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ސަސުއޮލޯ އާއި ދެކޮޅަށްކުޅެ ޔުވެންޓަސް މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ކިއެލިނީ ބުނީ، އިޓަލީގެ ގައުމީ ޓީމަށް އޭނާ ކުޅޭނެ އެންމެ ފަހު މެޗަކީ، އާޖެންޓީނާ އާއި ދެކޮޅަށްކުޅޭ ފިނަލިސިމާ މެޗު ކަމަށެވެ.

ފުޓުބޯޅައިގައި އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ ދެބައްރު ކަމުގައިވާ ޔޫރަޕާއި ސައުތު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ "ފިނަލިސީމާ" ނުވަތަ ފައިނަލް މެޗު ކުޅޭނީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ސްޓޭޑިއަމް، ވެމްބްލީގައެވެ، މިއީ 1993 ވަނަ އަހަރަށްފަހު މިމެޗު ކުޅޭ ފުރަތަމަ ފަހަރެވެ.

29 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅޭ މި ޝަރަފުވެރި މެޗުގައި ބައްދަލުކުރާނީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯގެ ޗެމްޕިއަން އިޓަލީ އާއި ސައުތު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އެވެ.

ކިއެލިނީ ބުނީ، އަނިޔާއިން ސަލާމަތްވެ ކުޅެވޭނެފަދަ ހާލަތެއްގައި ހުރިނަމަ، ފިނަލިސިމާ މެޗުގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅެން ބޭނުންވާ ކަމަށާއި، އެއީ ގައުމީ ޖާޒީ ބާލާ، ޓީމާއި ވަދާއީ ސަލާން ކުރާނެ މެޗު ކަމަށެވެ. އަދި މި މެޗަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އެންމެ އެކަށީގެންވާ މެޗުކަން ކިއެލިނީ ފާހަގަކުރިއެވެ. އަދި އެއީ ކެރިއަރުގައި ގައުމީ ޓީމަށް ކުޅޭނެ އެންމެ ފަހު މެޗުކަންވެސް އޭނާ ތަކުރާރުކޮށް ހާމަކުރިއެވެ.

އުމުރުން 37 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ކިއެލިނީ އިޓަލީގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ 2004 ވަނަ އަހަރުގައި، އުމުރުން އެންމެ 20 އަހަރުގައެވެ. 17 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔަރކުރަން ކިއެލިނީ ނިންމި އިރު އޭނާ ވަނީ އިޓަލީ އާއިއެކު ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 މުބާރާތުގެ ތަށި އިޓަލީން އުފުލާލިއިރު އެޓީމުގެ ފަހަތް ބެލެހެއްޓުމުގެ ޒިންމާ އާއި، ކެޕްޓަން ބޭންޑު އަޅައިގެން ދަނޑުމަތީގައި ޓީމު ލީޑު ކުރުމުގެ ޒިންމާވެސް އުފުލާފައިވަނީ ކިއެލިނީ އެވެ. މީގެއިތުރުން އޭނާ ވަނީ 2012 ވަނަ އަހަރުގެ ޔޫރޯގެ ރަނަރަޕް ކަން ހޯދި އިޓަލީ ޓީމުގައިވެސް ހިމެނިފައެވެ.

އިޓަލީގެ ގައުމީ ޓީމަށް 116 މެޗު ކުޅެދީފައިވާ ކިއެލިނީ އަކީ އެގައުމަށް 4 ވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތް ފަރާތެވެ.

2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕާއި މިއަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލިފައި ވީނަމަވެސް، ފުޓުބޯޅައިގެ ތާރީހުގައި ކިއެލިނީގެ ނަން ފާހަގަކުރެވޭނީ ރަން އަކުރުންނެވެ. އޭނާ އަކީ މި ޖީލުގެ އެންމެ މޮޅު އެއް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ މޮޅު ކުޅުންތެރިއެއްކަމަށް ފުޓުބޯޅައިގެ މާހިރުން ދެކެއެވެ.