ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މީސްމީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ލެބްރޮން ޖޭމްސްގެ ރަސްމީ އެކައުންޓުގެ ސްޓޯރީ މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރުތައް ލެބްރޮން ޖޭމްސް އަންނަނީ ހިއްސާކުރަމުންނެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބ އަތޮޅުގައި އޮންނަ ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވަށް ގަައެވެ.

ލެބްރޮން ޖޭމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ، އޭނާ ކުޅޭ ލޭކާސް އިން ދަށް ނަތީޖާތަކެއް ނެރެ، ޕްލޭ އޮފް ބުރުންވެސް އެޓީމަށް ފުރުސަތު ނުލިބުމުން، އެޓީމަށް ސީޒަން ނިމުމުންނެވެ.

ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެ ލޭކާސް އަށް ސީޒަން ނިމުމުން އެޓީމުގެ ސަޕޯޓަރުންގެ ކިބައިން ލެބްރޮން ވަނީ މައާފަށްވެސް އެދިފައެވެ. އެގޮތުން ލެބްރޮން ބުނީ މިއީ ބަލައިގަނެވޭނެ ވަރުގެ ނަތީޖާއެއް ނޫން ކަމަށާއި، މިކަން ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށާއި އެކަމަށް ވައުދުވާ ކަމަށެވެ.

ލެބްރޮން ޖޭމްސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ އަންހެނުން ސަވާނާ ޖޭމްސް އާއިވެސް އެކުގައެވެ.

އަންނަ ސީޒަނުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ލޭކާސް އިން ތައްޔާރުވަމުން އަންނައިރު އެޓީމުން މިކަން ހާސިލް ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ މަސައްކަތަކީ އައު ކޯޗެއް އައްޔަނުކުރުމެވެ. އެއީ މިމަހުގެ ކުރީކޮޅު އެޓީމުގެ ކޯޗު ފްރޭންކް ވޮގެލް މަގާމުން ވަކިކޮށްފައިވާތީއެވެ.

ރާއްޖޭގައި ލެބްރޮން ޗުއްޓީ ހޭދަކުރަމުން އަންނައިރު، އޭނާ އަންނަނީ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.

އުމުރުން 37 އަހަރުގެ ބާސްކެޓްބޯޅަ ތަރި ލެބްރޮން ވަނީ ކެރިއަރުގައި ރަސްމީ 56 މެޗު ކުޅެ އެތައް ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ލެބްރޮން ވަނީ 4 ފަހަރަށް އެންބީއޭ ޗެމްޕިއަންކަން ހޯދާ، 4 ފަހަރަށް އެންބީއޭ ފައިނަލްސްގެ އެމްވީޕީ ކަން ހޯދުމުގެ އިތުރުން 4 ފަހަރަށް އެންބީއޭގެ އެމްވީޕީ ކަންވެސް ހޯދާފައެވެ. މީގެއިތުރުންވެސް އެތައް ޝަރަފަކާއި ކާމިޔާބީއެއް ލެބްރޮން ވަނީ ބާސްކެޓުގައި ހޯދާފައެވެ.