މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ޓީވީ ޗެނަލްތައް ހިންގާ ޒީ ނެޓްވޯކް އާއި އެމްއެމްޕީއާރުސީ ގުޅިގެން މަސައްކަތް ފަށައިފިއެވެ.
މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރުތައް, މެދުއިރުމައްޗަށް ހާއްސަކޮށް ޒީ ނެޓްވޯކްއިން ހިންގާ ޒީ އަލްވާން އަދި ޒީ އަފްލާމް ޗެނަލްތަކުގައި 30 ދުވަސް ވަންދެން ދައްކާނެއެެވެ.
15 ސިކުންތުގެ އިޝްތިހާރުތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ މެދުއިރުމަތީ މާކެޓްގެ ގައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއްމަންޒިލުގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ލަގްޒަރީ، ރޮމާންޓިކް، ހަނީމޫން، ފެމިލީ އަދި އެޑްވެންޗާ ސެގްމެންޓުވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މި ކެމްޕެއިންގެ މަގްސަދަކީ ޒީ ނެޓްވޯކްގެ މި ދެ ޗެނަލް މެދުވެރިކޮށް މެދުއުރުމަތީ މާކެޓުގައި ރާއްޖޭގެ ބްރޭންޑަށް އޮންނަ ސަމާލުކަން އިތުރުކޮށް، މަންޒިލް އިތުރަށް އިޝްތިހާރުކުރުމެވެ.
ޒީ ނެޓްވޯކް އަކީ މެދުއިރުމަތީގެ ގައުމުތަކުގައި މަގުބޫލު ޗެނަލްތައް ހިންގާ ނެޓްވޯކެކެވެ. ޒީ ނެޓްވޯކްގެ ޗެނަލްތަކަކީ މެދުއިރުމަތީގެ މާކެޓުގެ އާންމުންނާއި، އަރަބި އަދި ދެކުނު އޭޝިއާގެ އޯޑިއަންސްތައް ގިނައިން ބަލާ ޗެނަލްތަކެކެވެ.
އެމްއެމްޕީއާރުސީ އާއި ޒީނެޓްވޯކް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ޒީ އަލްވާންގެ ފަސް ޕްރޮގްރާމެއްގެ ތެރެއިން އަދި ޒީ އަފްލާމްގެ 6 ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިޝްތިހާރުތައް ދައްކާނެއެވެ. އަދި މި ކެމްޕެއިން ކުރިއަށް ގެންދަނީ އެމްއެމްޕީއާރުސީއިން މެދުއިރުމައްޗަށް ހާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ.
މިއީ އެއް މަސްދުވެހުގެ ކެމްޕެއިނެކެވެ.