އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން މި ޖަރީމާ ހިންގާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޣަރީހާ ސިޓީގެ އަގަބަތު ޖަބްރް ކޭމްޕްގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެ ކޭމްޕް ރެއިޑްކޮށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 20 އަހަރުގެ އަހްމަދު އިބްރާހިމް އިވްދާތު ނަމަކަށްކިޔާ ޒުވާނެއް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އިސްރާއީލުގެ ޓެރަރިސްޓް ފުލުހުންނާއި ސިފައިން ގެންދަނީ، ރަމަޟާންމަސް ފެށުނު ފަހުން ހުޅަނގު އައްސޭރީގެ ރަށްތައް ރެއިޑްކޮށް ފަލަސްތީނުގެ ޒުވާނުން ހައްޔަރު ކުރަމުންނެވެ.
ފަލަސްތީނު ޒުވާނުންވެސް އިސްރާއީލުގެ އުދުވާނީ ބާރުތަކަށް ވަރުގަދަ ރައްދެއް ދެމުން ގެންދެއެވެ. މިކަމުގެ ތެރޭގައި އިސްރާއީލު ސިފައިން ބަޑިޖަހައި އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު އެތައް ސަތޭކައަށް އަރައެވެ.
ހުޅަނގު އައްސޭރީގައި، ފަލަސްތީނުގެ ރަށްތަކުގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންވެސް، އިސްރާއީލު ސިފައިންގެ ހިމާޔަތުގައިތިބެ ފަލަސްތީނު މީހުންނަށާއި، އެމީހުންގެ ގެދޮރާއި މުދަލަށް ހަމަލާތައް ގެއްލުންތައްވެސް ގެންދަނީ ދެމުންނެވެ.
ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ގުދުސްގައި އިސްރާއީލުން ލާއިންސާނީ އުދުވާނުތައް ހިންގަމުން ގެންދާއިރު، ޣައްޒާއަށްވެސް ދޭތެރެ ދޭތެރެއިން ގެންދަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.
ޣައްޒާއިން މަސްވެރިކަމަށް ނުކުންނަ މަސްވެރިންނަށް ހަމަލާދިނުން މިހާރުވަނީ އިތުރުކޮށްފައެވެ.