ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމެއްގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ެވެމްކޯ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގާ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުންކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް އެކޯޕަރޭޝަނުން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެކޯޕަރޭޝަނުގެ ފޯކަސް އަމާޒުކުރުން ހިމެނޭކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. އެގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަރ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަހެވެ.