ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފަގީރުކަން ނައްތާލައި، ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިގްތިސާދީ ހާލަތު ދައްވުމުގެ ބިރު އެބައޮތްކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގެން ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް، މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ނިކުންނަ ނަތީޖާތަކާއެކު، ދުނިޔެއިން ފަގީރުކަން ނައްތާލައި، ހަމަހަމަކަން ގާއިމްކޮށް، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

އަދި، އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާކަމަށާއި، އދ އަންދާޒާތައް ދައްކާގޮތުން 107 އިގްތިސާދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހި، އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިގްތިސާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަމަށެވެ.

އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ގައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެކެވެ.

މި ހަނގުރާމަ ކުރިއަށް ދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، ދުނިޔޭގެ އެތަން މިތަނުގައި ހަމަނުޖެހުންތައް ހިނގަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އަދިވެސް މިމައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް، ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސްކަމަށްވާ އދގެ އާންމު މަޖިލީހުގެ މުހިއްމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.