އެސްޓީއޯ އިން ސަޕްލައި ކުރުމަށް ހަވާލުކުރި 96 އެމްބިއުލާންސް ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެސްޓިއޯ އިން ބުނީ ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތްއިން އެސްޓީއޯއާއި ހަވާލުކުރި ޕްރޮޖެކްޓް ނިންމައި، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މިޕްރޮޖެކްޓްގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ހެޑް އޮފީސް ގައި މިއަދު ބޭއްވި ހަފްލާގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވަނީ ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އަށް 96 ވަނަ އެމްބިއުލާންސް ހަވާލުކޮށްދެއްވާފައެވެ.

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާ މިއަދު މިވަނީ ހަވާލުކޮށްފައެވެ.

ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި ސަރުކާރުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އެކުންފުނީގެ ބޮޑު ހިއްސާއެއް އެކުލެވޭ ކަމީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށް އެސްޓިއޯ އިން ބުނެއެވެ.