އިންޑިއާގެ ހިންދީ ސިނަމާގެ ކިންގް ޚާން އެކްޓަރު ޝާހްރުކް ޚާންއަށް ޕްރޮޑިއުސަރު ރާޖްކުމާރް ހިރާނީގެ ކުރިޔަށްއޮތް ފިލްމުން ފުރުސަތު ލިބިއްޖެއެވެ.

"ޑަންކީ" ނަމަކަށް ކިޔާ މިފިލްމްއިން އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާނެ ސިގްނަލްއެއް ރާޖްކުމާރު ހިރާނީ ބެލުންތެރިންނަށް ދީފައިވަނީވެސް ވަރަށް ފިލްމީކޮށެވެ.

އެކްޓަރު ޝާހްރުކް ޚާން އާއި ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީ ފެންނަގޮތަށް ކުޅެފައިވާ ކޮމެޑީ ވީޑިއޯއެއްގައި ދައްކުވައިދެނީ މިހާތަނަށް ޕްރޮޑިއުސަރު ރާޖްކުމާރް ހިރާނީ އުފައްދާފައިވާ ކާމިޔާބު ފިލްމުތަކެވެ. މިއިން އެއްވެސް ފިލްމަކުން ޝާހުއަށް ފުރުސަތު ލިބިފައިނުވާތީ އެކަމާ ޕްރޮޑިއުސަރު ގާތު ޝަކުވާކުރާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.

އެސުވާލަށް ރައްދު ދެމުން ރާޖްކުމާރު ހިރާނީ ބުނަނީ ޝާހްރުކްއަށް ޚާއްސަ ސްކްރިޕްޓެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި ފިލްމުގެ ނަން އެހުމުން އެއީ ފިލްމު "ޑަންކީ" ކަމަށް ޕްރޮޑިއުސަރު ވީޑީއޯގައި ބުނެއެވެ.

https://www.youtube.com/watch?v=aNxd01VzJsw

ފިލްމު "ޕަތާން" ގެ ޝޫޓިންގްގައި އަވަދިނެތި އުޅެމުން އަންނަ އެކްޓަރު ޝާހުވަނީ އިތުރު ފިލްމެއްގައި މަސައްކަތް ކުރާކަމުގެ އިޝާރާތެއް އޭނާގެ ސޯޝަލް މީޑީއާގައިވެސް ހާމަކޮށްފައެވެ.

ޝާހްގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ރާޖްކުމާރް ހިރާނީއާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތަކީ އޭނާ އަބަދުވެސް އުއްމީދުކުރި ފުރުސަތެކެވެ. މިފުރުސަތަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައި ދެކޭކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

މިޕޯސްޓު ނިންމާލަމުން ޝާހް ބުނެފައިވަނީ މިފިލްމު ރިލީޒްކުރެވޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމުން ޝާހުއާއެކު ދެން ފެނިގެންދާނީ އަރަމުން އަންނަ ބަތަލާ ތާޕްސީ ޕަންނޫއެވެ.

ޕްރޮޑިއުސަރު ރާޖްކުމާރު ހިރާނީ ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "މުއްނާ ބާއީ އެމް.ބީ.ބީ.އެސް"، "ލަގޭ ރަހޯ މުއްނާ ބާއީ"، "ތްރީ އިޑިއަޓްސް"، "ޕީ.ކޭ" އަދި ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ފިލްމު "ސަންޖޫ" ހިމެނެއެވެ.

އެކްޓަރު ޝާހްރުކް ޚާންގެ އެންމެ އަވަހަށް ރިލީޒްވުމަށް ހަމަޖެހިފައިވަނީ ފިލްމު "ޕަތާން" އެވެ. ބަތަލާ ދިޕިކާ ޕަޑުކޯންއާއި އެކްޓަރު ޖޯން އަބްރަހަމް މުހިއްމު ރޯލްއިން ފެންނަ މިފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.