މިމަހުގެ 14 ވަނަ ދުވަހު ކައިވެނިކޮށްފައިވާ ބޮލީވުޑުގެ މަގުބޫލު ޖޯޑު އާލިއާ ބަޓްއާއި އެކްޓަރު ރަންބީރް ކަޕޫރު ކައިވެންޏަށްފަހު ދިރިއުޅޭނީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރު ބިނާކުރި މައިގެ ކްރިޝްނާ ރާޖް ބަންގްލޯގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިވަގުތު މި ބިލްޑިންގްގެ މަސައްކަތް އެއްކޮށް ފުރިހަމަވެފައި ނުވުމާއެކު ވަގުތީގޮތުން ރަންބީރްގެ ދެމަފިރިން ކައިވެންޏަށްފަހު ދިރިއުޅެމުންދަނީ ރަންބީރްގެ އަމިއްލަ އެޕާޓްމެންޓްގައެވެ.
މުމްބާއިގެ ވާސްތޫގައި ހުންނަ މި އެޕާޓްމެންޓަކީ ކްރިޝްނާ ރާޖް އާއި ވަރަށް ކައިރި އެޕާޓްމެންޓެކެވެ.
ކްރިޝްނާ ރާޖް ހުންނަ ސަރަހައްދުން ވީހާވެސް ކައިރި ހިސާބަކުން ރަންބީރް އަމިއްލަ އެޕާޓްމެންޓެއް ފުރަތަމަ ހޯދަން ބޭނުންވި އެންމެ ބޮޑު އެއް ބޭނުމަކީވެސް އަމިއްލަ މައިންބަފައިންނާ ދުރަށް ނުގޮސް ދިރިއުޅުމުގެ ބޭނުމުގައެވެ.
ފާހަގަކޮށްލެވޭ އަނެއްކަމަކީ، ރަންބީރް އަމިއްލަ އެޕާޓްމަންޓަކަށް ދިއުމުގެ ވިސްނުން އޭރު ގެންގުޅެފައިވަނީ 3 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަލާ ކެޓްރީނާ ކައިފްއާއެކު ވަކިން ދިރިއުޅެން ބޭނުން ވުމުންކަމަށް މީޑީއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ކޮންމެއަކަސް ކުރިޔަށް އޮތްތަނުގައި ރަންބީރްއާއި އާލިއާ ދިރިއުޅެން ހޭދަކުރާނެ ،ކްރިޝްނާ ރާޖްގެ މަސައްކަތް ކުރިޔަށްދާތާ މިހާރުވަނީ 1 އަހަރުވެފައެވެ. ތަފާތު އެކި ސަބަބުތަކާހެދި މި އިމާރާތުގެ މަސައްކަތްވަނީ އެކިފަހަރުމަތިން ހުއްޓުމަކަށް އައިސްފައެވެ.
މުމްބާއީގެ ޕަލީ ހިލްގައި ހުންނަ ކްރިޝްނާ ރާޖް އިމާރާތް އެއްކޮށް ނިމޭނެ ވަކި ތާރީޚެއް އަދި އެނގިފައި ނުވާއިރު ރަންބީރުގެ ދެމަފިރިންނާއެކު ރަންބީރުގެ މަންމަ އަދި އާލިއާގެ މައިދައިތަ ބަތަލާ ނީތޫ ކަޕޫރުވެސް މިއިމާރާތަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ މިއީ އެކްޓަރު ރިޝީ ކަޕޫރު އޭނާގެ އާއިލާ ދިރިއުޅުމަށްޓަކައި ތައްޔާރުކުރި އިމާރާތަކަށް ވުމާވެސް އެކުގައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މީގެކުރިން ރަންބީރްއާއި އާލިއާގެ ކައިވެނީގެ ރަސްމިއްޔާތުތަކާއެކު ކައިވެނިކުރުމަށް ނިންމާފައިވަނީ މިއިމާރާތް އެއްކޮށް ނިމުމުން ކްރިޝްނާ ރާޖްގައެވެ. އެހެންނަމަވެސް ހީކުރި ވަރަށްވުރެވެސް ބޮޑަށް އިމާރާތުގެ މަސައްކަތްވަނީ ލަސްވެފައެވެ.
އެކްޓަރު ރިޝީ ކަޕޫރު މަރުވުމުގެ ކުރިން އެންމެ ދެކެން ބޭނުންވި ދުވަހަކީ ދަރިފުޅު ރަންބީރް ކައިވެނި ކުރާނެ ދުވަސް ކަމަށް ބުނެފައި އޮތުމާއެކު، ރިޝީ ދުނިޔެއާއި ވަކިވެދިއުމުން އާއިލާއިން ބޭނުންވީ އެ އެދުން ވީހާވެސް އަވަހަކަށް ފުރިހަމަކޮށް ދިނުމަށެވެ.
ވަރަށް އާދައިގެ ގޮތަކަށް ދެ ފަރާތުގެ އާއިލާއާއި ގާތް ރަހްމަތްތެރިންގެ މަދު ބަޔަކު ހިމެނޭގޮތަށް ކުރިޔަށްދިޔަ ރަންބީރް-އާލިއާގެ ކައިވެނީގައި އެންމެ ގިނަ ބަޔަކު ބުނެފައިވަނީ އެކްޓަރު ރިޝީ ކަޕޫރު ނެތުމުން އެފަޅުކަން މާބޮޑަށްވެސް ކައިވެނީގައި ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.
ރިޝީ ކަޕޫރު މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް 2020 ވަނަ އަހަރުގެ އެޕްރީލް 9 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ.