ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިހާބުކޮށްފިއެވެ.

ހައި ކޯޓުން ބުނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ޖޭއެސްސީއަށް ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް އިންތިހާބުކޮށްފައިވާކަމަށެވެ.

ފަނޑިޔާރު ނިޔާޒު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ.

ފަނޑިޔާރު ނިޔާޒު މީގެ ކުރިން ފުރުއްވި މަގާމްތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ހިމެނެއެވެ.

އެ މަގާމަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފަނޑިޔާރު އަލީ ސަމީރު އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.