ފިތުރު އީދާ ދިމާކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތް ދުވަހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމާފައިވާގޮތުގެ މަތީން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށާއި، އީދު ބަންދާ ގުޅިގެން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ މިމަހުގެ 30 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ އީދު ބަންދަށް ފަހު ބޭންކު ހުޅުވުމުން ކަމަށެވެ.

އެހެންކަމުން، ޚިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތަކަށް އެދި ހުށަހެޅުމަށް ބީއެމްއެލްއިން އެދެއެވެ. އަދި، އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށްވެސް އެ ބޭންކުން އެދެއެވެ.

ބޭންކު ބަންދުވި ކަމުގައި ވީނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.