މިއަހަރު ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެސްޓީއޯއާ ހަވާލުކޮށްގެން އަތޮޅުތަކުގެ ރަށްރަށަށް ފޯރުކޮށްދިނުމަށް ގެނައި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ހިދުމަތް ފުޅާކުރުމަށްޓަކައި ސަރުކާރުން ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށާއި، ސިއްހީ ދާއިރާއަށް މިހާރު އައިސްފައިވާ ކުރިއެރުމަކީ މިސަރުކާރުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި، މިއަހަރު ނިމެންވާއިރަށް ދާއިރާގައި ރާވަމުން އައި ސްޓްރެޓެޖީތައް ނިންމައި ހަރުދަނާ ކަމާއެކު ޚިދުމަތް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައު ހޮސްޕިޓަލްތައް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަލަށް ފަށާ، މިހާރު އެގްރީމެންޓް ކުރެވިފައި ހުރި ހުރިހާ ހޮސްޕިޓަލެއް މިއަހަރު ތެރޭގައި މަސައްކަތް ފެއްޓޭނެ.
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ރައްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިހާތަނަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ.