ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)އަށް ދިރާގުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. ދާދި ފަހުން މި ޖަމިއްޔާއިންވަނީ ކަލަބް ހައުސް ގައިވެސް ހަރަކާތްރެރިވަންފަށާފައެވެ. އެގޮތުން ކުރިޔަށްއޮތް މަހުގެތެރޭގައިވެސް ގުރުއާން މުބާރާތާއި، ދިނީ ހަރަކާތްތަކައި އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބެއްވުމަށް އެ ޖަމިއްޔާއިން އަންނަނީ ރާވަމުންނެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެޖަމިއްޔާގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދުނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށްވެސްވަނީ ނިންމާފައެވެ.

މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ.

ދިރާގުން ބުނީ، އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވާކަމަށެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާކަމަށާއި، ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ.

އެގޮތުން މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އަދި ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން މިޙިދުމަތް ބޭނުންކުރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ.

ދިރާގުން މި ޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް އެކުންފުނިން ބުނެއެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.