ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިކުރިގޮތާއި މެދު ހިތްހަމަ ނުޖެހިގެން، ނެދަލެންޑްސްގެ މާޓިން ކޫޕްމަން ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އާއި ދެކޮޅަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އަށް އެ މައްސަލަ ހުށަހަޅާ، ކުރިއަށް ގެންދަމުންދާކަމަށް ބުނެފިއެވެ.

ކޫޕްމަން އާއިއެކު އެފްއޭއެމް އިން ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެހެންނަމަވެސް ރަސްމީކޮށް އެކަން ހާމަކޮށްފައިވަނީ އޮގަސްޓު މަހުގެ މެދުތެރެއިންނެވެ.

މިކަން ހާމަކޮށް އެފްއޭއެމް އިން އޭރު ބުނީ، ކޫޕްމަންގެ އެއްބަސްވުން އުވާލަން ނިންމީ، ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށްފަހު ގައުމީ ޓީމުގެ ކޯޗާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.

އެހެންނަމަވެސް އިންސްޓަގްރާމްގައި ކޫޕްމަން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި، ފީފާ އަށް މި މައްސަލަ ހުށަހަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާއްސަކޮށް ބުރަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާއެކު، ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ގައުމީ ޓީމަށްވެސް މާބޮޑު މަސައްކަތްތަކެއް ނުކުރެވޭތީ އާއިއެކު އާއިލާ އާއިއެކު ވަގުތު ހޭދަކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމުގެ ލިޔުން އައުމުން ގެއްލުންތަކެއްވިކަން ދޭހަވާ މޭރުމަކުން ކޫޕްމަންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި މަގާމުން ވަކިކުރީ އުސޫލުތަކާއި ހިލާފަށް އެއްވެސް އިންސާފެއް ނެތި ކަމަށްވުމުން، ވަކީލުގެ މަޝްވަރާގެ މަތިން ފީފާ އަށް މައްސަލަ ހުށަހެޅީ، މާލީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ބޭނުމުގައި ކަމަށާއި، ބޭނުންވީ އެއްވެސް ގައުމަކުން މިފަދަ ކަމެއް ތަކުރާރު ކުރުމުގެ ފުރުސަތު ނުދީ، މިސާލުދެއްކުން ކަމަށްވެސް ކޫޕްމަން ބުނެފައިވެއެވެ.

ކޫޕްމަން ބުނީ ރާއްޖެ އާއިއެކު ހާސިލް ކުރަން ބޭނުންވާ ޓާގެޓެއް އޮތް ކަމަށާއި، މި ޓާގެޓް ހާސިލްވުމުގެ ކުރިން ޓީމު ދޫކޮށްލަން ޖެހުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަން އަށް ރަސްމީ މެޗެއް ނުލިބެނިސް މިދިޔަ އަހަރުގެ ކުރީކޮޅުގައި އޭނާ އަށް ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނީ އެންމެ ތިން މެޗެވެ.

އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ސެންޓްރަލައިޒްކޮށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗެވެ. މި ތިން މެޗުގައިވެސް ކޫޕްމަންގެ އިރުޝާދުގެ ދަށުން ރާއްޖެއަށް އެންމެ ބޭނުންވި ނަތީޖާ ނެރެވިފައެއް ނުވެއެވެ. ކޫޕްމަން އަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.

މަގާމުން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޫޕްމަން ފީފާ އަށް މައްސަލަ ހުށަހަޅާފައިވާއިރު، ރާއްޖޭގެ ގައުމީ ޓީމަށް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އިރުޝާދުދިން ނެދަލެންޑްސްގެ ރެނޭ ހިޑިންކު މަގާމުން ވަކި ކުރި ގޮތާއިމެދު ހިތްހަމަ ނުޖެހި، ދިވެހި ފުޓުބޯޅަ އެސޯސިއޭޝަނާއި ދެކޮޅަށް އޭނާ ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއަށް ހުށަހެޅި މައްސަލަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވްސް އާއި ދެކޮޅަށް ވަނީ ނިންމާފައެވެ. ރެނޭ ހިޑިންކް އަކީ ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކޯޗެވެ.

ހިޑިންކް އާއި ކޫޕްމަން

މިކަމާ ގުޅިގެން ރެނޭ ފީފާ އަށް ހުށަހެޅި މައްސަލަ ރެނޭ އާއި އެއްކޮޅަށް ނިމުނުއިރު، އެފްއޭއެމް އިން ރެނޭ އަށް ޖުމްލަ 2.9 މިލިއަން ރުފިޔާ ދޭން ޖެހޭނެއެވެ.