ޤުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގައު ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްޤުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން އދގެ ސަލާމަތީ މަޖިލީހުން ފާހަގަކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ރާއްޖެއިން ފާހަގަކުރިއެވެ.

ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަޤްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން، މިކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަދި ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ޤަރާރުން ފާސްކޮށްފައިވާކަމާއި އަދި މި ޤަރާރުތަކަށް އަމަލުކޮށް، ޤަރާރުތަކަށް ޤައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށްވެސް ދިވެހރާއްޖެއިން ހާމަކުރިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އިއްޔެވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފައެވެ.