ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން ފާހަގަކުރެއްވީ ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާ ކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި މި ބަލިމަޑުކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ޒިފްލީނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު، އެ ދާއިރާގައިވެސް ގިނައިން މަސައްކަތްކުރަމުންދަނީ އަންހެނުންކަމަށް ޒިފްލީނާ ވިދާޅުވިއެވެ.

ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި، ކޮވިޑް-19 އާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު މިނިސްޓީރިއަލް ޑައިލޮގްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒިފްލީނާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖޭގައިވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ.

އެގޮތުން ލޮކް ޑައުންއާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ލޮކްޑައުންއަށްފަހު ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރު ކަމަށެވެ.

އަދި އެކަމާ ގުޅިގެން ބަލިމަޑުކަމުގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައި، ގެވެށި އަނިޔާގެ އަމަލުތައް ރިޕޯޓްކުރާނެ ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށް، ހޭލުންތެރިކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން "ގެވެށި ގުޅުން"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ލޯންޗްކުރެއްވި ކަމަށް ޒިފްލީނާ ވަނީ ވިދާޅުވެފައެވެ.

އަދި ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.