ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެގޮތުން ސްކައުޓް އެސޯސިއޭޝަނުން ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ.
ބުދަދުވަހުގެރޭ އިއްޒުއްދީން ސްކޫލް ހޯލްގައި ބޭއްވި މި ފޯރަމްގައި ދީނީ މަޢުޟޫއަށް ވާހަކަ ދެއްކެވީ އައްޝައިޚް އިބްރާހިމް އަޙްމަދުއެވެ.
ފޯރަމްގެ މަޢުޟޫއަކީ "އިސްލާމީ ޝަޚްސިއްޔަތްތަކުގެ ކިބައިން ސްކައުޓުން ލިބިގަންނަންވީ ފިލާވަޅުތައް" މި މަޢުޟޫއެވެ.
މިމައުޟޫއަށް ވާހަކަ ދައްކަވަމުން އައްޝައިޚް އިބްރާހިމް އަހްމަދުވަނީ، މީގެ 1443 އަހަރުގެވެސް ކުރިން މައްކާގައި ކަންކަން ހިނގަމުން އައިގޮތާއި، ރަސޫލާ ﷺ އިސްލާމްދީނަށް ގޮވައިލައްވަން ފެށްޓެވުމާއި އަދި އޭގެފަހުން އެކަލާގެފާނުގެ އަސްހާބުންނަށް ދިމާވަމުންދިޔަ ދަތިތަކާއި، މުސީބާތްތާކުގެ ވަގުތުތަކުގައި އެބޭފުޅުން ކަންތައް ކުރެއްވި ގޮތްތައް ބަޔާންކޮށްދެއްވިއެވެ.
ކީރިތި ރަސޫލާ ﷺ ވަޙީ ބާވައިލައްވަމުން ގެންދެވި ދުވަސްވަރު، މައްކާގެ މަގުތަކުގައި ދީނީ ޝިއާރު ފާޅުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ބައްދަލުވުންތައް ބާއްވަންޖެހެނީ ވަރަށް ސިއްރިއްޔާތުގައި ކަމަށާއި، އެދުވަސްވަރު ދީން ފެތުރުވަން އާދަޔާޚިލާފް މަސައްކަތްޕުޅުތަކެއް ކުރެއްވި އޭރުގެ ބައެއް ޒުވާން ސަޙާބީން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މުޅި މަދީނާގައި އިސްލާމްދީން ފެތުރި، އަދި މައްކާއަށް ހައްޖުވުމަށްދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަހާބީން ވެދެއްވި މަތިވެރި އެހީތައް، އެކިއެކި މިސާލުތައް ދައްކަވައި އައްޝައިޚް އިބްރާހިމް އަޙްމަދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އައްޝައިޚް އިބްރާހިމް އަޙްމަދު ވިދާޅުވީ، އިސްލާމްދީނަކީ އެހެން މީހުންނަށް އެހީތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެއް ކަމަށާއި، އެހެން ކަމުން، އެހެން މީހުންނަށް އެހީތެރިވުމަށް ސްކައުޓުން ކުރާ މަސައްކަތްތަކަކީ ދީނާ ވަރަށް ގުޅުންހުރި މަސައްކަތްތަކެއް ކަމަށެވެ.
ދިމާވާ ބޮޑެތި ކަންކަމުގައި ސްކައުޓުންނަކީ އަދުވެސް އެހެންމީހުންނަށް އެހީތެރިވާން ތައްޔާރަށް ތިބޭ ބައެއްކަން ހާމަކުރައްވައި، މައްކާގައި ރަމަޟާންމަހު ކުރެވޭ ތަރާވީހް ނަމާދާއި އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި ހައްޖުވެރިންނަށް އެހީތެރިވުމާއި، މަގުދެއްކުމާއި، ފެން ފޯރުކޮށްދިނުމުގައި މައްކާއާއި މަދީނާއާއި، މިނާގައާއި އަރަފާތު ބިމުގައާއި މުޒްދަލިފާގައިވެސް ސްކައުޓުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އައްޝައިޚް އިބްރާހިމް އަޙްމަދު ފާހަގަކުރެއްވިއެވެ.
ސްކައުޓް އެސޯސިއޭޝަނުން ބޭއްވި އިހްޔާ ފޯރަމްގައި މާލޭގެ 13 ސްކޫލަކުން 100 އަށްވުރެ ގިނަ ސްކައުޓުންނާއި، ސްކައުޓް ލީޑަރުންނާއި، ސްކައުޓް އެސޯސިއޭޝަންގެ އިސް ވެރިން ބައިވެރިވިއެވެ.