މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތާ ހަފުތާއްހާ ދުވަސް ވެފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރ. ދުވާފަރުން "ވީނިއުސް"އާ ވާހަކަދެއްކި ޒުވާނަކު ބުނީ، ފާއިތުވި 48 ގަޑިއިރު އެތައް ފަހަރަކު އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

މިވީ ހަފުތާއެއްހާ ދުވަސްތެރޭގައި އެވަރެޖުކޮށް ދުވާލަކު 10 ފަހަރު ކަރަންޓް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މީގެ ކުރިން ކަރަންޓް ކެނޑުނު ނަމަވެސް ކަރަންޓް ލިބެން މާ ގިނައިރެއް ނުނަގައެވެ. ކަރަންޓް ކެނޑިފައި ގާތްގަނޑަކަށް 5 ވަރަކަށް މިނެޓުން ކަރަންޓް ލިބެއެވެ.

ނަމަވެސް، ބުދަ ދުވަހުގެރޭ 11:15ގައި އެރަށުން ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ނުލިބޭތީ ރައްޔިތުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.

މިކަމާ ގުޅިގެން ދުވާފަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު "ވީނިއުސް"އަށް ވިދާޅުވީ، ކަރަންޓު ދެވޭނެ ގަޑިއެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

ރ. ދުވާފަރު ކަނު އަނދިރީގައި --- ފޮޓޯ: އިލްހާމް (ކިޔުންތެރިއެއް)

އެރަށުން ކަރަންޓު ކެނޑިފައިވަނީ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ ޓީމެއް މިއަދުގެ ވަގުތެއްގައި ދުވާފަރަށް ދާނެއެވެ.

ރ. ދުވާފަރު ކަނު އަނދިރީގައި --- ފޮޓޯ: އިލްހާމް (ކިޔުންތެރިއެއް)

2004 ވަނަ އަހަރުގެ ސުނާާމީގައި ސުންނާފާތިވި ރ. ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރުގައި އާބާދުވާން ފެށީ 2009 ވަނަ އަހަރުއެވެ.

އޭރުން ފެށިގެން އެރަށުން ކަރަންޓް ކެނޑުމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

ދުވާފަރުގެ 5000 އަަށް ވުރެ ބޮޑު އާބާދީގެ ތެރެއިން 4000 ވަރަކަށް މީހުން ރަށުގައި ދިރިއުޅެއެވެ.