ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެމަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

މިއީ މިއަހަރު ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

މި އެހީގެ ދަށުން، މަރުކަޒުގައި އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި، މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި، އެތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެހީއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދާދެވޭކަމީ ބޭންކަށް ލިބޭ އުފަލެއްކަމަށެވެ. މިތަރައްގީގެ މަސައްކަތާއެކު މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަމުގައި ވެގެންދާނެކަމަށް ޓިމް ވިދާޅުވިއެވެ.

އެގޮތުން، އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު އެތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެންދާނެކަމަށާއި، އުންމީދަކީ މަރުކަޒަށް ގެންނަ ބަދަލުގެ ސަބަބުން އެތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުންކަމުގައި ޓިމް ވިދާޅުވިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ، ސްމޯލް ގްރާންޓްސް، ހައުސިންގ ގްރާންޓް، ބީއެމްއެލް ސްޓާރޓަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުމުގެ އިތުރުން ބީއެމްއެލް ސްކޮލާޝިޕް ފަންޑެވެ.