މިއަހަރު މެއިމަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ 75 ވަނަ ކޭން ފެސްޓިވަލުގެ ޖޫރީ މެމްބަރުންގެތެރޭގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ހިމެނިއްޖެއެވެ.
ފްރާންސްގެ އެކްޓަރު ވިންސެންޓް ލިންޑޯން ރައީސްކަމުގެ މަގާމު ފުރުމަށް ހަމަޖެހިފައިވާއިރު ދިޕިކާއާއެކު ޖޫރީ މެމްބަރުންގެ ތެރޭގައި ދެން ހިމެނެނީ، އިނގިރޭސިވިލާތުގެ އެކްޓަރު/ޑައިރެކްޓަރު ރެބެކާ ހޯލް، ސްވެޑިޝް ބަތަލާ ނޫމީ ރަޕޭސް، އިޓަލީ އެކްޓަރު/ޑައިރެކްޓަރު ޖޭސްމިން ޓްރިންކާ، އިރާން އެކްޓަރު/ޑައިރެކްޓަރު އަސްގަރް ފަރްހާދީ، ފްރާންސްގެ ފިލްމު ޑައިރެކްޓަރު ލެޖް ލީ، އެމެރިކަން ފިލްމު ޑައިރެކްޓަރު ޖެފް ނިކޮލަސް އަދި ނޯވޭގެ ފިލްމު ޑައިރެކްޓަރު ޖޯޝިލް ޓްރަޔަރއެވެ.
ދިޕިކާއާއެކު ޖޫރީންގެތެރޭގައި ހިމެނޭ މިމެމްބަރުންނަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ފިލްމީ ދާއިރާތަކުގައި ފާހަގަކޮށްލެވޭ ނުފޫޒުގަދަ ފަރާތްތަކެކެވެ.
މީގެކުރިންވެސް ކޭން ފެސްޓިވަލްގައި ގަވައިދުން ބައިވެރިވެފައިވާ ބަތަލާ ދިޕީކާ ޕަދުކޯން މިފަހަރު ފެސްޓިވަލް ކުރިއަށްދާ 10 ދުވަހުވެސް ފެސްޓިވަލްއިން ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މިފެސްޓިވަލުގެ އެންމެ މޮޅު ފިލްމު އިއުލާނުކުރާގޮތަށް ހަމަޖެހިފައިވަނީ މެއި 28 ވަނަ ދުވަހުއެވެ.
ކޭން ފެސްޓިވަލްގެ ޖޫރީންގެ މެމްބަރުކަމަށް ހޮވުނުކަން އިއުލާނުކުރުމާއެކު ބަތަލާއަށް އެކި ފަރާތްތަކުންދަނީ މަރުހަބާގެ މެސްޖްތައް ފޮނުވަމުންނެވެ.
ކޭން ފިލްމު ފެސްޓިވަލްގެ ވެބްސައިޓްގައި ދިޕިކާގެ ނަން ހިމަނާފައިވާއިރު އޭނާއަށް މިހާތަނަށް ފިލްމީ ދާއިރާއިން ހާސިލުކުރެވިފައިވާ ކާމިޔާބީތަކުގެ ކުޑަ ތަފްސީލެއްވެސް ވަނީ ހިމަނާފައެވެ.
ހިންދީ ސިނަމާގައި އާޓިސްޓެއްގެގޮތުގައި އޭނާ މަސައްކަތްކުރަމުން އަންނައިރު ދިޕިކާއަކީ ލިބޭ އާމްދަނީގެ ބޮޑު ބައެއް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ގިނަ ބަޔަކަށް ފުރިހަމަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހޭދަކުރާ ބަތަލާއެކެވެ.
މިހާތަނަށް ކާމިޔާބު 30 ފިލްމު ކުޅެފައިވާ ބަތަލާވަނީ ހޮލީވުޑް ޕްރޮޖެކްޓެއްގައިވެސް މަސައްކަތްކޮށްފައެވެ. އެއީ މަގުބޫލު ފިލްމް "ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑަރ ކޭޖް" އެވެ.
ފިލްމު ކުޅުމުގެ އިތުރަށް ދާދިފަހުން ދިޕިކާވަނީ އަމިއްލަ ނަމުގައި ފިލްމު ޕްރޮޑަކްޝަން ހައުސްއެއް އުފައްދާފައެވެ. ކާ ޕްރޮޑަކްޝަންސްގެ ނަމުގައި އުފައްދާފައިވާ މިކުންފުނިން މިހާތަނަށްވަނީ ވަރަށް ތަފާތު ސްކްރިޕްޓަކަށް 2 ފިލްމު އުފައްދާފައެވެ. އެއީ ފިލްމު "ޗަޕަކް" އަދި "83" އެވެ. މި 2 ފިލްމުގައިވެސް މެއިން ލީޑްއިން ފެނިފައިވަނީ ޚުދު ބަތަލާ ދިޕިކާއެވެ.
ދިޕިކާގެ ކާ ޕްރޮޑަކްޝަންސްއިން މިހާރު ތައްޔާރުވަމުން އަންނަނީ "ދަ އިންޓާން" ގެ ނަމުގައި ފިލްމެއް ގެނެސްދިނުމަށެވެ.
ފިލްމީ "ގެހެރާއިޔާން"، "ޕަދްމަވާތް" އަދި "ޕީކޫ" އިން ބޮޑު ބޮޑު މަގުބޫލަކަމެއް ހޯދާ ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ބަތަލާއަކީ، ނަފުސާނީ ގޮތުން ތަފާތު އެކި މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ތަފާތު އެކި މަސައްކަތްކުރާ ފަރާތެކެވެ.
އޭނާ އަމިއްލައަށް އުފައްދާފައިވާ ލިވް.ލަވް.ލާފް ފައުންޑޭޝަންއަކީ ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވުމުގެ ބޭނުމުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ހަމައެއާއެކު 2018 ވަނަ އަހަރު ދުނިޔޭގެ ޓައިމް މަޖައްލާއިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ދިޕިކާވަނީ ހިމެނިފައެވެ.
މިއަހަރުގެ މެއި މަހުގެ 17 އިން 28 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާންސް ފެސްޓިވަލުގައި ހޮލީވުޑްގެ އެކްޓަރު ޓޮމް ކްރޫޒްގެ ހާއްސަ ޓްރިބިއުޓެއްވެސް ފެންނާނެކަމަށް ޚަބަރު ލިބެއެވެ.